ސޯލް (ޖޫން 3): ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އުތުރު ކޮރެއާއަށް ވަޑައިގެން، އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

ކޭސީއެންއޭގައިވާ ގޮތުން ރައީސް އަސަދު އުތުރު ކޮރެއާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ އެގައުމުން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުމުންނެވެ.

އަދި ރައީސް އަސަދު ވަނީ ލީޑަރު ކިމްގެ ވެރިކަމުގައި ކޮރެއަން ޕެނިންސުލާއަށް ގެންނަ ބަދަލުތަކަށް ދުނިޔެއިން މަރުހަބާ ވިދާޅުވާ ކަމަށް ވިދާޅުވެފައި ކަމަށް ކޭސީއެންއޭގައިވެ އެވެ.

މީގެ އިތުރުން އުތުރު ކޮރެއާ އާއި ސީރިއާގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އުތުރު ކޮރެއާގެ ހުރިހާ ސިޔާސަތުތަކަށް ސީރިއާއިން ތާއިދު ކުރާނެ ކަމަށް އަސަދު ވިދާޅުވި ކަމަށް ކޭސީއެންއޭގެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް އެބައްދަލުވުން ބާއްވާނެ ދުވަހެއް އެރިޕޯޓުގައި ފާހަގަކޮށްފައި ނުވެ އެވެ. އަދި އެބައްދަލުވުމާ ބެހޭ ގޮތުން ސީރިއާގެ ދައުލަތުގެ މީޑިއާއިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

ރައީސް އަސަދު އުތުރު ކޮރެއާއަށް ވަޑައިގެންފި ނަމަ އެވާނީ ބޭރު ގައުމެއްގެ ލީޑަރަކު އެގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ.

ކޭސީއެންއޭ އިން އެފަދައިން ބުނެފައި ވަނީ އަންނަ މަހުގެ 12ގައި ލީޑަރު ކިމް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރުވަމުން ގެންދަވަނިކޮށެވެ. (ސީއެންއެން)