ޗައިނީސް އަދި ޖަޕަނީސް ބަސް ދަސްކޮށްދޭ ކޯސްތަކެއް ގައުމީ ޔުނިވާސިޓީން ފެށުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ އެ ޔުނިވާސިޓީން ކުުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ ޗައިނީސް އަދި ޖަޕަނީސް ބަސް ކިޔަވައިދޭ ކުރު ކޯސްތަކެއް ކަަމަށެވެ.

ގައުމީ ޔުނިވާސިޓީން ހުޅުވާލި އެ ކުރު ކޯސްތަކުގެ ތެރޭގައި އެންމެ ބޭސިކް އިން ފެށިގެން އެޑްވާންސް ކޯސްތައް ހިމެނެއެވެ. ޗައިނީސް އަދި ޖަޕަނީސް ބަސް ކިޔެވައިދޭ އެކި ކޯސްތަކުން ހުޅުވާލާފައިވަނީ 270 ޖާގައެވެ. މިއީ ފަނަރަ ހަފުތާގެ ކޯސްތަކެކެވެ.

އެމްއެންޔޫއިން ބުނީ ބަސް ދަސްކޮށްދިނުމަށް ހުޅުވާލި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު ފަސް ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ކޯހަށް އެދޭ ފޯމް ޔުނިވާސިޓީގެ ދަރިވަރުންގެ ހިދުމަތްތަކާބެހޭ ބައިންނާއި ޔުނިވާސިޓީގެވެބްސައިޓުންލިބޭނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މިހާރުވެސް ޗައިނީސް ބަސް ދަނީ ކިޔަވައިދެމުންނެވެ. އޭގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ހިމެނެއެވެ.