07 Sep 2011, 17:58
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، ފަރުވާ ހޯދުމަށް އެހެން ރަށްރަށަށް ރައްޔިތުން ދާންޖެހޭތީ އެކަމާ ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަނުގެ މަގުސަދަކީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އިތުރު ޚިދުމަތްތަކެއް ތައާރަފް ކުރުން ކަމަށް ހޮސްޕިޓަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ކޯޕަރޭޝަނުގެ އޭރުގެ މެނޭޖިން ޑިރެކްޓާ ހުސެއިން ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަނާއި އަތޮޅު ހޮސްޕިޓަލް ހަވާލު ކުރިއިރު ރައްޔިތުންނަށް ލިބެމުން ދިޔަ ގިނަ ޚިދުމަތްތަކެއް މިހާރު ލިބެމުން ނުދާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ވިހެއުމާ ގުޅޭ އެއްވެސް ޚިދުމަތެއް ނުލިބޭ ކަމަށާއި ގިނަ ޚިދުމްތަކަށް ޑޮކްޓަރުން ނުތިބޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ގިނަ ފަހަރަށް ސިއްހީ ފަރުވާ އެއް ބޭނުން ނަމަ ދާންޖެހެނީ ރަށުން ބޭރަށް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން ނެރެފައިވާ ބަޔާނުގައި އަދި ބުނީ އައްޑޫ ހޮސްޕިޓަލް މަރާމާތު ކުރަމުން ދިޔަ ތަނެއްގައި އެޑްމިޓްކޮށް ހިރަފުހާއި ކުނި ބުނީގެ ތެރޭ އުޅެންޖެހި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ގެއްލުން ވަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމު ފަރާތަކުން ހެލްތު ކޯޕަރޭޝަނުގެ ބޭފުޅުންނަށް ގުޅުމުން ހަޑިހުތުރު ބަހުން މުޢަމަލާތް ކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
އަތޮޅު ކައުންސިލްގެ ބަޔާނުގައި ވަނީ ފުވައްމަލަކު އަތޮޅު ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ވީހާވެސް އަވަސް މުސްތަގުބަލެއްގައި ފެންވަރު ރަނގަޅު ރައްޔިތުން އިތުބާރު ކުރާ ޚިދުމަތް ތަކަކަށް ހެދުމަށް ގޮވާލާފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސް ރައްޔިތުންގެ ސިއްހީ ދުޅަހެޔޮ ކަމާ ގުޅުން ހުރި މިފަދަ ކަންތައްތައް އިސްލާހު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.