ހަވާނާ (ޖޫން 3): ކިއުބާގެ ގާނޫނު އަސާސީ އިސްލާހު ކުރަން ކޮމިޝަނެއް އެކުލަވާލައި، އެކޮމިޝަނުގައި އިސްކޮށް ހުންނަވާނީ ކުރީގެ ރައީސް ރައުލް ކާސްޓްރޯ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.

ކިއުބާގައި 1976 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނު އަސާސީއަށް ވަނީ މީގެ ކުރިން ތިން ފަހަރަކު އިސްލާހުތަކެއް ގެނެސްފަ އެވެ. އަދި މިފަހަރު ގެންނަ އިސްލާހުތަކުގެ ތެރޭގައި ރައީސްކަން ކުރެވޭނެ އުމުރާއި ދައުރެއް ކަނޑައަޅާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދިހަ އަހަރު ކިއުބާގެ ރައީސްކަން ކުރެއްވި ކާސްޓްރޯ ވެރިކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގައި އެވެ. ނަމަވެސް އޭނާ އަދިވެސް ހުންނަވަނީ ގައުމުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ވެރިކަން ކުރާ ޕާޓީގެ ފަސްޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

ކާސްޓްރޯއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މިގުއެލް ޑިއާޒް ކަނެލް ވަނީ އޭނާ ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް، ކިއުބާގެ މުސްތަގުބަލާ ބެހޭ ނިންމުންތަކުގައި އިސްކޮށް ހުންނަވާނީ ކާސްޓްރޯ ކަމަށް ވިދާޅުވެފަ އެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ކޮމިޝަނުގައި އޭނާ ހުންނަވަނީ ޑެޕިއުޓީ ހެޑްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

އެކޮމިޝަނުން ގާނޫނު އަސާސީއަށް ގެންނަން ނިންމާ އިސްލާހުތަކުގެ ޑްރާފްޓެއް އެކުލަވާލުމަށް ފަހު ގާނޫނު ހަދާ މަޖިލީހަށް ފޮނުވާނެ އެވެ. އަދި މަޖިލީހުގެ ރުހުން ލިބިއްޖެ ނަމަ އިސްލާހުތަކުގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. (ރޮއިޓާސް)