07 Sep 2011, 17:54
ބ. އަތޮޅު ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ މެންބަރު އުމައިރާ އަބޫބަކުރު ކައުންސިލްގެ ހަތް ޖަލްސާއަކަށް ޖެހިޖެހިގެން ހާޒިރު ނުވި ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމާ ގުޅިގެން އެ ރަށުގައި ބައި- އިލެކްޝަނެއް ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށާފައި ވަނިކޮށް، އެނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ތުޅާދޫގެ ބައި އިލެކްޝަންސް ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ހައިކޯޓުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ކޮށްފައިވާ ހުކުމާ ގުޅިގެން އެކޮމިޝަނުން ތުޅާދޫގައި މި މަހު 20 ގައި ބޭއްވުމަށް ހަމަޖެއްސި ބައި-އިލެކްޝަން ބާތިލް ކުރީ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިތުރަށް ބެލުމަށް ކަމަށެވެ. އަދި އެކަން އިތުރަށް ކުރިއަށް ގެންދާނީ އެކަމާ ގުޅޭ ލިޔެކިޔިތުންތައް ތުޅާދޫ ކައުންސިލުން ހޯދުމަށް ފަހު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތައް ބެލުމަށް ބައި- އިލެކްޝަން ބާތިލްކުރީ. އެ ހުކުމްގައި ބުނެފައިވާ ގޮތަށް އެކަންތައްތައް ބެލުމަށް ފަހު ދެން ގޮތެއް ނިންމާނީ،" ފުއާދު ވިދާޅުވި އެވެ.
ތުޅާދޫގެ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދަވަހު އިޢުލާން ކުރުމާ ގުޅިގެން ޑީއާރްޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި ފާހަގަ ކުރެވުނު ނުކުތާތަކަށް ބުރަވެ، ބައި އިލެކްޝަން ހުއްޓާލަން ޖެހޭނެ ކަމަށް އެ މަސައްލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.