އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމެރީގައި އިސްކޮށް އުޅުނު ވަކި ވަކި މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަނުން އެގޮތަށް ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި 412 ވަނަ އާންމު ޖަލްސާގައެވެ. އެގޮތަށް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާއާ ހަވާލާދީ ކަމަށް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

އެމާއްދާއަކީ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަންތައްތައް ބަޔާން ކުރާ މާއްދާއެވެ. އެމާއްދާގައި ވާގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެއެވެ. އަދި އިންތިހާބު ތަކުގައި ގާނޫނުތަކާ ހިލާފު އަމަލު ކުރުމަކީވެސް ކޮށްގެން ނުވާނެ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަނީ ބުނެފައެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް އަމަލުތައް ތަކުރާރު ކުރުމަކީ ސަގާފަތެއް ކަމުގައި ނުހެދުމަށް ކުރެއްވެން ހުރި މަސައްކަތް ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ބޭއްވި ޕްރައިމެރީއަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ޕްރައިމެރީއެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ޕްރައިމެރީ ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އެމްޑީޕީން ވަނީ އިންތިހާބުގައި ވޯޓުލުން ކުރިއަށް ގޮސް ނިންމާލާފައެވެ.

އެމައްސަލާގައި އެމްޑީޕީއާ މެދު ފިޔަވަޅު އެޅުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެކަން ދެން ބާއްވާ ޖަލްސާއަކަށް ވަނީ ފަސްކޮށްފައެވެ. އަކްރަމް ވިދާޅުވީ އެމްޑީޕީއަށް ފިޔަވަޅު އެޅުން ފަސްކުރީ ގާނޫނީގޮތުން ކުރަން ޖެހޭ ކަން ކަން ފުރިހަމަ ކުރުމަށް ކަމަށެވެ.

އެމްޑީޕީން ޕްރައިމެރީ ބާއްވަން ނިންމި ހިސާބުން އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ބާއްވާ ޕްރައިމެރީ ގާނޫނާ ހިލާފުވާނެކަން އަންގައިފައެވެ.