އިބްރާހީމް ޝިހާބު ވާދައިގެ ތައްޓަށް ބާއްވާ ގައުމީ ވާހަކަ ދެއްކުމުގެ 33 ވަނަ ގައުމީ މުބާރާތުގައި އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ އަދި ޖަމާއަތްތަކުގެ ވާހަކަ ދެއްކުމުގެ ބައި މުބާރަތާކަށް ބަދަލުކޮށްފި އެވެ.

ބަހުގެ އެކަޑަމީގެ ޑިރެކްޓަރު އައިމިނަތު އައްބާސާ "ސަން" އަށް ވިދާޅުވީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ބައި ބަހުސް މުބާރާތަކަށް ބަދަލުކުރީ ގިނަ ބަޔަކު އެކަމަށް އެދުމުން ކަމަށާއި އަދި އެހެނިހެން އަހަރުތަކުގައި ވެސް އެ ކެޓަގަރީއަށް ބާއްވާފައި ވަނީ ބަހުސް މުބާރާތް ކަމަށެވެ.

ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ކުރިން އޮތީ އޭޕްރީލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ އެ މުބާރާތް ފަސްކޮށްފަ އެވެ. މިހާރު އެ މުބާރާތާއި އަދި ބަހުސް މުބާރާތް ވެސް އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު ކަމަށް ބަހުގެ އެކަޑަމީން ބުންޏެވެ.

ބަހުގެ އެކެޑަމީން ހުޅުވާލި ވާހަކަ ދެއްކުމުގެ މުބާރާތް ހުޅުވަލައިފައި ވަނީ ތިން ބަޔަކަށެވެ. އޭގެ ތެރޭގައި ސްކޫލުތަކުގެ ބަޔާއި މަތީ ތައުލީމުގެ ބަޔާއި އަމިއްލަ ފަރާތްތައް ހިމެނެ އެވެ.

ބަހުގެ އެކަޑަމީން ބުނީ ބަހުސް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު 14ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވާހަކަ ދައްކެމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު ފަސް ވަނަ ދުވަހުގެ 13:00ގެ ކުރިން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބަހުގެ އެކަޑަމީން ބުންޏެވެ.