03 Jun 2018, 13:06
ސްރީނަގަރު (ޖޫން 3): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި މުޒާހަރާ ކުރަމުން ދިޔަ މީހެއްގެ ގައިގައި ފުލުހުންގެ ޖިޕަކުން ޖައްސައި، 21 އަހަރުގެ ޒުވާނަކު މަރާލައިފި އެވެ.
އެއީ އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގައި ކުރަމުންދާ މުޒާހަރާތަކުގައި، އެއް މަސް ތެރޭ ފުލުހުންގެ އުޅަނދަކުން ޖައްސައި މީހަކު މަރާލި ދެވަނަ ފަހަރެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާގައިވާ ގޮތުން އެހާދިސާ ހިނގީ ހުކުރު ނަމާދަށް ފަހު ސްރީނަގަރުގެ މިސްކިތެއް ކައިރީ ބޭއްވި މުޒާހަރާއެއްގަ އެވެ.
އިންޑިއާގެ ސަލާމަތީ ފައުޖުތަކުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ އުޅަނދުގައި ތިބި ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ހަމަލާދޭން ފެށުމުން، ފުލުހުން އަމިއްލަ ނަފްސު ރައްކާތެރިކުރަން އުޅުމުގެ ތެރޭގައި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ފުލުހުން ގަސްތުގައި އުޅަނދުން މީހުންގެ ގައިގައި ޖެއްސީ އެވެ.
ކައިސަރު ބާތުގެ މަރާ ގުޅިގެން އިންޑިއާއިން ވަނީ ކަޝްމީރުގެ ސްރީނަގަރުގައި އިންޓަނެޓުގެ ހިދުމަތް ކަނޑާލައި ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ.
ނަމަވެސް ސްރީނަގަރުގެ އެތައް ހާސް މީހުން ވަނީ ބާތުގެ ޖަނާޒާގައި ބައިވެރިވުމަށް މަގުތަކަށް އެއްވެފަ އެވެ. އަދި އެއެއްވުންތަކާ ގުޅިގެން އެސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފަ އެވެ. (ބީބީސީ)