ޑީއާރްޕީން ބަޔަކު ވަކިވެ އިތުރު ޕާޓީއެއް އުފެދުމަކީ ސަރުކާރު ނިސްބަތްވާ އެމްޑީޕީ އުފާވާ އަދި ޑީއާރްޕީން ގިނަ މެންބަރުތަކެއް ވަކިވެގެން ދިއުމަށް އެމްޑީޕީން ބާރު އަޅާނެ ކަމެއް ކަމަށާއި އެފަދަ ކުށްހީއެއް އެމްޑީޕީން ނުކުރުމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގޮވާލައްވައިފި އެވެ.

ޑީއާރްޕީގެ ލީޑަރު ތަސްމީން މިއަދު ވިދާޅުވީ އެމްޑީޕީން އެގޮތަށް ބާރު އަޅައި މަސައްކަތް ކުރާނީ އޭގެ ސަބަބުން އެމްޑީޕީއަށް ފައިދާތަކެއް ވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. ރޭ މާލޭގައި ޖަލްސާއެއް ބާއްވައިގެން ޑީއާރްޕީގެ ބާނީ، ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށާއި އެމަނިކުފާނުގެ އާއިލާއަށް ހުތުރު ބަހުން މުހާތަބުކޮށް އެއްޗެހި ވިދާޅުވުމުގެ ބޭނުމަކީ ވެސް އޭގެ ކަމެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާތާ ގޮތުގައި އެއީ މިކަމުގެ ތެރެއަށް އެމްޑީޕީގެ ނުފޫޒު ވެއްދުން. އެހެންނަމަވެސް މިއަދުގެ ކަންކަން ރައްޔިތިންނަށް ވަރަށް ރަނގަޅަށް އެނގޭ. މާ ތޫނފިވެފައި ހޭލުންތެރި. އެހެންވީމާ އެމްޑީޕީއަށް އޭގެ ހެޔޮ ނަތީޖާއެއް ނުލިބޭނެ، އެބޭފުޅުންގެ ހީފުޅު ކުރައްވާފާނެ ޑީއާރްޕީގެ ތެރެއިން އެހެން ޕާޓީއެއް އުފެދިގެން ދިޔާމަ އެބޭފުޅުންނަށް ފަސޭހަފުޅުވާނެ ކަމަށް. ޑީއާރްޕީ ބަލިކަށިވެގެން ފަސޭހަވާނެ ކަމަށް. އެވެސް އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ކުށް ހީއެއްހެން،" ތަސްމީން ވިދާޅުވި އެވެ.

ލީޑަރު ވިދާޅުވީ އެމްޑީޕީން ހީކުރާ ވަރަށް ވުރެ މިއަދު އޮތް ޑީއާރްޕީ ހަރުދަނާވެފައި ވަރުގަދަ ކަމަށާއި ޑީއާރްޕީ އެތެރޭގައި ތިބެގެން ޑީއާރްޕީ ބަލިކަށިވާ ގޮތަށް މަސައްކަތް ކުރި މީހުނާއި ކޯލިޝަން ހަދައިގެން ތިބެ ޑީއާރްޕީ ނިކަމެތިވާ ގޮތަށް މަސައްކަތް ކުރި މީހުން ޕާޓީއާ ވަކިވެގެން ދިއުމަކީ ޑީއާރްޕީ ވަރުގަދަ ވެގެންދާނެ ކަމެއް ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ސަތޭކަ ޕަސެންޓް ސަމާލުކަން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ސަރުކާރަށް ފާރަ ވެރިވުމުގައި ހޭދަ ކުރެވޭނެ. މިއަދުން ފެށިން އަޅުގަނޑުމެނެއް ނުޖެހޭ އަޅުގަނޑުމެންގެ އެތެރެ ހަލާކުކޮށްލަން މަސައްކްތް ކުރި މީހުންނާއިގެން ވިސްނާކަށެއް. އެއީކީ މިހާރު އަޅުގަނޑުމެންގެ ބައެއް ނޫން އެހެންވީމާ އަޅުގަނޑު ދަންނަވަނީ އެމްޑީޕީއަށް އެއުޅެނީ ކުށް ހީއެއް ކުރެވިގެނޭ،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ސަތޭކަ ޕަސެންޓް ސަމާލުކަން ދީގެން ޑީއާރްޕީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި އޭގެ ފުރަތަމަ ކަމަކަށް ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ރާއްޖޭގެ ރަށްރަށުގައި ހުރި އެ ޕާޓީގެ ގޮފިތަކުގެ އިންތިހާބުތައް ބޭއްވުމަށް ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައިވާ ކަމަށެވެ.