03 Jun 2018, 13:49
ބިމްލާ ބޭގަމް އަކީ އިންޑިއާގެ އައްސާމުގައި ދިިރިއުޅެމުންދާ 37 އަހަރުގެ މުސްލިމު އަންހެނެކެވެ. ބިލްމާއަށް މިހާރު އޮތް އެންމެ ބޮޑު މާޔޫސްކަމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ތިން މިލިއަނެއްހައި މުސްލިމުންނަށްވެސް މިހާރު ކުރިމަތިވެފައިވާ މާޔޫސްކަމެވެ. އެ ސަރަހައްދުގެ މީހުންގެ ރައްވެހިކަން ޔަގީންކޮށްދިނުމަށް ސަރުކާރުން އަންގާފައިވާތީ، އެކަން ކުރެވޭނެ މަގެއް ނެތުމެވެ.
"ރައްވެހިކަން ޔަގީންކޮށްދޭން ނޯޓިސް އައިފަހުން މިއުޅެނީ ދެން ވާނެ ގޮތެއް ނޭނގިގެން، އެކަކު ކައިރިން އަނެކަކު ކައިރިއަށް މި ދެވެނީ ހަދާނެ ގޮތް ހުސްވެގެން،" އައްސާމުގައި ވާހަކަ ދައްކާ އައްސާމީސް ބަހުން ލިޔެފައިވާ ނޯޓިސް އެއް ދައްކައިލަމުން ބިމްލާ ބުންޏެވެ.
އެ ސަރަހައްދުގެ ނޭޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް އަޕްޓޭޓު ކުރަމުންދާއިރު މިއީ އެ ސަރަހައްދުގެ ރައްޔިތުންގެ ދަފްތަރެއް ފަހުގެ ތާރީޚުގައި އެކުލަވާލާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އައްސާމުގެ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލީ 1951 ވަނަ އަހަރުއެވެ. އެ ސަރަހައްދުގެ ރައްޔިތުންގެ ރެޖިސްޓްރީއެއް އެކުލަވާލާއިރު، އައްސާމުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ބަންގްލަދޭޝް އިން ހިޖުރަކޮށްފައިވާ އައްސާމުގެ ރައްވެހިކަން ނެތް ގިނަ ބަޔަކު އެބަތިއްބެވެ. އޭގެ ތެރޭގައިވެސް ގިނައީ މުސްލިމު އަންހެނުންނެވެ.
މިހާތަނަށް ހަތް މިލިއަން މީހަކު އެމީހުންގެ ލިޔެކިޔުންތައް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ކައިވެނިކޮށްގެން އުޅޭ 2.9 މިލިއަން އަންހެނުން ވެސް ހިމެނެއެވެ. މި މީހުނގެ ލިޔެ ކިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށް، އެއީ އިންޑިއާ ރައްޔިތުންތޯ، ނޫނީ ހިޖުރަކޮށްފައި ތިބި މީހުންތޯ ބެލުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ސަރަހައްދުގެ ރައްޔިތުންގެ ދަފްތަރެއް މި މަހުގެ ނިޔަލަށް އެކުލަވާލަން އިންޑިއާގެ ސުޕްރީމު ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް މި ނިންމުމާއެކު ގިނަ ބަޔަކަށް ހާއްސަކޮށް ގިނަ އަދަދެއްގެ އަންހެނުންނަށް ނިކަމެތިކަން ލިބޭނެ ކަމަށްބުނެ އެކްޓިވިސްޓުން ދަނީ އަޑު އުފުލަމުންނެވެ.
ހާއްސަކޮށް މުސްލިމުންނާއި ބެންގާލީ ހިންދޫންނަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވާކަމަށް އެފަދަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިހާރު އޮތް އެންމެ ބޮޑު ހާސްކަމަކީ އައްސާމުގެ މުސްލިމުންނަށް ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ ފަދަ މައްސަލައެއް ކުރިމަތި ވެދާނެ ކަމުގެ ބިރެވެ. "ރައްޔިތުކަން ސާބިތުކޮށްދޭން ޖެހުމާއެކު އެކަން ނުކުރެވިއްޖެނަމަ އިންސާނީ ބޮޑު ކާރިސާ އެއް އިންޑިއާ އަށްވެސް ކުރިމަތިވެދާނެ،" ކަމަށް އެކްޓިވިސްޓު ގްރޫޕުތަކުން ބުނެއެވެ.
އައްސާމުގައި އުޅޭ ބެންގާލީ ދަރިކޮޅުގެ މީހުން އެ ސަރަހައްދަށް ހިޖުރަކޮށްފައިވަނީ އިންޑިއާއަށް މިނިވަންކަން ލިބުނުތާ ކައިރީގައެވެ. އޭގެ ފަހުން އެ ސަރަހައްދުގައި އޮތީ އެމީހުންގެ ބާރެވެ. ބަންގާޅުގައި 1970ގެ އަހަރުތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއެކު ބަންގަޅުގެ އެތައްބަޔަކު ވަނީ މި ސަރަހައްދަށް ހިޖުރަކޮށްފައެވެ.
މިހާރު އޮތް އަނެއް ބިރަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީން މުސްލިމުންނާ ދޭތެރޭ ގެންގުޅޭ ހަރުކަށި ގޮތްތަކެވެ. ބޭރު މީހެެއް ނަމަވެސް ހިންދޫ އެއް ނަމަ، ބީޖޭޕީ އިން މަރުހަބާ ކިޔާ ކަމަށާއި މުސްލިމުންނަށް އެ ޕާޓީ އިން މުޚާތަބު ކުރަނީ "ބީރައްޓެހިން" ގެ ގޮތުގައި ކަމަށް އައްސާމުގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފައިވާ ބޯޑޮލޮއި ވަނީ ވިދާޅުވެފައެވެ.
"އަހަރެމެން މި އެދެނީ އައިޑެންޓިޓީ އެއް ނެތް މީހަކު، 1971 ގެ ފަހުން އެތެރެވެފައި ހުރިއްޔާ، ކޮންމެ ދީނަކަސް އެއީ މި ސަރަހައްދުގެ މީހެއް ނޫން ކަމަށް ބެލުމަށް."