03 Jun 2018, 11:48
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ ކުރި، ރަސްމީ ހައިސިއްޔަތަން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
މިއަދު ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށް ހުކުމް ކުރި ނަމަވެސް ބައެއް ބަދަލުތައް ހުކުމަށް ވަނީ ގެނެސްފައެވެ. އެގޮތުން އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި އެއް އަހަރާއި ހަތް މަހާއި ހަތް ދުވަސް ކުޑަކޮށް އަސާސީ މިންގަނޑުން އަދަބު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުން ފަސް ދަރަޖަ މަތިކޮށް އަދަބު ކަނޑައެޅި ނަމަވެސް ހައި ކޯޓުން ކަނޑައެޅީ ދެ ދަރަޖަ ބޮޑު ކުރުމަށެވެ. އެހެން ކަމުން މިހާރު އަދަބަކީ އެއް އަހަރާ ދެ މަހާ 12 ދުވަހެވެ.
ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ވަކިވަކިން ބޭއްވި ނަމަވެސް ދެ ފަނޑިޔާރުންގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއް ނުކުތާތަކެވެ. ދެ ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރި އެއްވެސް ނުކުތާއެއް ގާނޫނާ ހިލާފް ނޫން ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މައްސަލަ ފޯމްގައި ޕީޖީ ނުވަތަ ޕީޖީ ކަނޑައަޅުއްވާ ފަރާތެއް ސޮއިކުރަން އޮތް ނަމަވެސް އެ ފަރާތަކީ ޕީޖީ ކަނޑައެޅުއްވި ފަރާތްކަން އެގެން ނެތް ކަމަށް ދިފާއީ ވަކީލުން ފާހަގަކުރި ނުކުތާ ގާނޫނާ ހިލާފް ނޫން ކަމަށް ބުނެ ހުކުމުގައި ވަނީ ދައުވާ ފޯމްގައި ސޮއިކޮށްފައިވަނީ ކޯޓުން ހުއްދަ ދީފައިވާ ފަރާތެއްކަން އެގެން އޮންނަ ކަމަށެވެ.
ކުށްކުރި މީހާގެ ނިޔަތާއި ގުޅޭ ގޮތުން ދިފާއީ ވަކީލުން ފާހަގަކުރި ނުކުތާއަށް ރިޔާއަތްކޮށް ހުކުމްގައި ވަނީ ނިޔަތަކީ މީހާގެ ބޭރުފުށުގައި ލިޔެފައިވާ އެއްޗެއް ނޫން ކަމަށާއި ނިޔަތް ކަމަށް ބަލާނީ އެމީހާ ކުރި ކުށަށް ކަމަށެވެ. އަދި ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް ނުފޫޒްފޯރުވުމުގެ ގޮތުން މުއާމަލާތެއްކޮށްފި ނަމަ އެކުރެވުނީ ކުށެއް ކަމަށް ހުކުމުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދިފާއީ ވަކީލުންނަށް ދެ ފަނޑިޔާރުންގެ ފަރާތުން ވަކާލާތު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެ ހެކި ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް ޝަރީއަތް ނިންމި ރިޕޯޓުން އެކަން ފާހަގަވެފައި ނުވާކަމަށް ހުކުމުގައި ވެއެވެ. އެގޮތުން އަޑުއެހުމަކަށް ދިފާއީ ވަކީލުން ހާޒިރު ނުވުމުން އެ ވަކީލުން ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި މަސައްކަތަށް އިޖާބަ ދީފައި ނުވާ ކަމަށާއި ހެކި ހުށެހެޅުމަށް ފުރުސަތު ދިން ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ދެ ފަނޑިޔާރުންނާ ދެކޮޅަށް ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ހެކިބަސްދީފައިވާތީ އެ މައްސަލަ އެ ކޯޓުގައި ނުބެލޭނެ ކަމަށް ދިފާއީ ވަކީލުން ފާހަގަކުރިއެވެ. ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ގާނޫނީ ގޮތުން ކްރިމިނަލް ކޯޓަށް ލިބިގެންވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކޯޓުގެ ގާޒީންނަށް މަންފާއެއް ލިބޭނެ ކަން އިގެން ނެތް ކަމަށެވެ.
ދެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދީފައިވާ ފަރާތްތަކުގެ އަދުލުވެރިކަމެއް ނެތް ކަމަށް ދިފާއީ ވަކީލުން ފާހަގަކޮށްފައިވާތީ ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި އަދުލުވެރި މީހެއް ކަމަށް ނުބެލެވޭނެ ގޮތަކީ އެ މީހާ އަކީ ބޮޑު ފާފައެއް ކޮށްފައިވާ މީހަކަަށް ވާ ނަމަ ކަމަށެވެ. އެގޮތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދީފައިވާ އެއްވެސް މީހަކީ ޖިނާއީ ކުށެއް ސާބިތުވެފައި ނެތް ފަރާތްތަކެއް ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ ހައިކޯޓުން ބެއްލެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީއެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހާ ހަމައަށް ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ހުކުމްތައް ވަކިގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް އަންގާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވައެވެ.