ވަން ޕްލަސްއިން އެންމެ ފަހުން ނެރުނު ވަން ޕްލަސް 6ގެ ފޭސް ރިކޮގްނިޝަން ފީޗާގައި ވަރަށް ބޮޑު މައްސަލައެއް އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ފޯނުގެ ވެރިމީހާ ނުވަތަ ފޭސް ރިކޮގްނިޝަން ސެޓްކޮށްފައިވާ މީހާގެ ފޮޓޯއެއް ދައްކައިލި ނަމަވެސް ފޯނު އަންލޮކްވާ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން އެކުންފުނިން ބުނީ ފޭސް ރިކޮގްނިޝަންގައި މައްސަލަ އުޅޭކަން ފާހަގަވެފައި ވާ ކަމަށެވެ. ރިސްކެއް ނެގުމުގެ ބަދަލުގައި ޕިން ނޫނީ ފިންގާ ޕްރިންޓް ބޭނުންކޮށްގެން ފޯނު އަންލޮކްކުރަން އެ ކުންފުނިން ވަނީ ލަފާދީފައެވެ.

ވަން ޕްލަސްއިން ބުނީ ބޭންކިން ފަދަ އެޕްތައް ބޭނުންކުރާއިރު ފޭސް އަންލޮކް ބޭނުން ނުކުރެވޭގޮތަށް ހަދާފައި ވަނީ ވެސް އެ ފީޗާ ފުރިހަމަ ނޫން ކަމަށްް ގަބޫލުކުރެވޭތީ ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރިލީޒްކުރި ވަން ޕްލަސް 6ގައި 6.28 އިންޗީގެ 1080x2280 ޕިކްސެލް އޯލެޑް ޑިސްޕްލޭއެއް ހިމެނޭނެއެވެ. ކުއެލްކޮމްގެ ސްނެޕްޑްރެގަން 845 ޕްރޮސެސާއެއްވެސް ހިމެނޭ މި ފޯނުގެ ރީތި ކުލަތަކުގެ މޮޑެލްތައް ވަނީ ނެރެފައެވެ.