ކުރިއަށް ވޯލްޑް ކަޕަށް މިހާރު ހުރީ ތައްޔާރަށް ކަމަށް އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

މި މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ކުޑަ ދުވަސް ކޮޅަކަށް ވެފައިވާ އިރު، އިނގިރޭސިވިލާތުން ރޭ ނައިޖީރިއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީ އިނގިރޭސިވިލާތުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ގެރީ ކެހިލްގެ ގޯލުން އިނގިރޭސީން ލީޑު ނަގައި، ހާފް ނިމުމުގެ ކުރިން ކެޕްޓަން ކޭންގެ ގޯލުން އެޓީމު ލީޑު ފުޅާކުރިއެވެ.

ރޭގެ މެޗުގައި ކެހިލް ޖެހި ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފަށް ނުކުމެ ނައިޖީރިއާއިން ކުޅުން ރަނގަޅުކޮށްފައިވާ އިރު، ހާފްގެ ކުރީ ކޮޅުގައި އެލެކްސް އިވޯބީގެ ގޯލުން ނައިޖީރިއާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

"އަހަރެން މިހުރީ އެންމެ ރަނގަޅު ފޯމުގައި. ގޯލެއް ޖެހުނީމަ އުފާވޭ. އަނެއްކާވެސް ވިސްނަންވީ ބުރާސްފަތި ދުވަހު އޮންނަ މެޗަށް،" ރޭގެ މެޗަށްފަހު ކޭން ބުންޏެވެ.

އެންމެ ފަހުން އިނގިރޭސި ގައުމީ ޓީމާއެކު ކުޅުނު ހަތް މެޗުން އަށް ގޯލް ޖަހައިފައިވާ ކޭން އަކީ ވޯލްޑް ކަޕަށް އެޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ތިން ސީޒަންގައިވެސް އިނގިރޭސި ލީގުގެ ޓޮޓެންހަމްއާއެކު ކޭން ދައްކާފައިވާ ކުޅުމަށް ބަލައި، އޭނާ ވޯލްޑް ކަޕްގައި ވިދާލާނެ ކަމަށް ބެލެވެއެވެ.

ރޭގެ މެޗާ ގުޅިގެން އިނގިރޭސިވިލާތުގެ ކޯޗު ގެރެތު ސައުތުގޭޓް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފްގައި ކުޅުނު ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް އިނގިރޭސި ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ވިސްނުން ތޫނުކަން ފާހަގަކުރާ ކަމަށެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުން ކުޅޭ އެކުވެރިކަމުގެ މެޗެއް އަންނަ ބުރާސްފަތި ދުވަހުވެސް އޮންނާނެއެވެ. އެ މެޗުގައި އިނގިރޭސިން ނުކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.