03 Jun 2018, 11:20
އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ ކުޅެން ނުކުތް މެޗުން އެޓީމު ބަލިވެއްޖެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ އޮސްޓްރިއާއާ ދެކޮޅަށް ޖަރުމަނުން ކުޅުނު މެޗުގައި ނޯޔާ ކުޅެފައި ވަނީ އަނިޔާގެ ސަބަބުން ނުވަ މަސް ދުވަހު ނުކުޅެ ހުރުމަށްފަހުގައެވެ. މިދިޔަ އަހަރު ސެޕްޓަންބަރު މަހު ފައި ބިންދައިގެން ދިޔުމުގެ ސަބަބުން ނޯޔާއަށް މި ސީޒަންގައި ކްލަބުގެ ހުރިހާ މެޗެއް ގެއްލިފައިވާ އިރު، އޭނާ ގައުމީ ޓީމަށް ނެގުމުން ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައެވެ. އެހެން ނަމަވެސް ޖަރުމަނުގެ ކޯޗު ވަނީ ފާޑު ކިޔުންތަކަށް ރައްދު ދީފައެވެ.
ވޯލްޑް ކަޕަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ޖަރުމަނުން ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖަރުމަނުން ވަރުގަދަ ފުރަތަމަ 11އެއް ނެރުނު އިރު، ގޯލް ބެލެހެއްޓީ ކެޕްޓަން ނޯޔާއެވެ.
މެސުޓް އޮޒިލްގެ ގޯލުން ޖަރުމަނު ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، އޮސްޓްރިއާއިން ދެ ގޯލް ޖެހީ ފަހަތުން އަރައެވެ. ދެވަނަ ހާފްގައި އޮސްޓްރިއާގެ ގޯލްތައް ޖަހައިދިނީ ހިންޓްރެގާއާއި ޝިޕްފްސްއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު، ޔޯކިމް ލޯވް ބުނީ މާޔޫސް ވަނީ ރޭގެ މެޗުން ބަލިވުމުން ނޫން ކަމަށާއި، ރޭގެ މެޗުން ބަލިވި ގޮތުން ކަމަށެވެ.
"އަހަރެން މާޔޫސްވީ މެޗުން ބަލިވެގެން ނޫން. އަހަރެން މާޔޫސްވީ މެޗުން ބަލިވި ގޮތުން. މެޗުގެ ފުރަތަމަ ހާފްގައި ކޮންޓްރޯލް ކޮށްގެން ކުޅެފައި، ފަހު ހާފް އެއްކޮށް ޓީމު ބޮއްސުންލައިގެން ދިޔައީ. ގިނަ ފަހަރެއްގެ މަތިން ބޯޅަ ގެއްލި، އަމިއްލަ މިސްޓޭކްތަކެއް ހެދިގެން މެޗުން ބަލިވީ،" ރޭގެ މެޗާ ގުޅިގެން ލޯވް ބުންޏެވެ.
ލޯވް ބުނީ ރޭގެ މެޗުން ފެނުނު ކުޅުމަކީ އާއްމުކޮށް ޖަރުމަން ޓީމުން ފެންނަ ކުޅުން ނޫން ކަމަށާއި، ވޯލްޑް ކަޕަށް އެކަންކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
މިމަހު 14 ވަނަ ދުވަހު ރަޝިޔާގައި ވޯލްޑް ކަޕް ފަށާ އިރު، މިވަގުތު ދުނިޔޭގެ ޗެމްޕިއަނުންނަކީ ޖަރުމަނެވެ. އެޓީމުން 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ނެގީ ފައިނަލްގައި އާޖެންޓީނާ ބަލިކޮށްގެންނެވެ.