ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލްގައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މެކޭނިކަލް ކާ ޕާކިން ސިސްޓަމެއް ގާއިމްކޮށް މިރޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެ މެކޭނިކަލް ކާ ޕާކިން ސިސްޓަމް ހުޅުވުމުގެ ގޮތުން މިރޭ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ކާރުކޮޅު ވަނީ އެ ސިސްޓަމްގައި ޕާކްކޮށްފައެވެ.

އެ ޕާކިން ސިސްޓަމުގައި އެއްފަހަރާ ހަތަރު ފުރޮޅުލީ 19 ވެހިކަލް ޕާކު ކުރެވެއެވެ. ޕާކް ކުރުމުގެ ފީއެއްގެ ގޮތުގައި ނަގަނީ 50 ރުފިޔާއެވެ. އެ ޕާކިން ސިސްޓަމް ގާއިމްކުރުމަށް 3.5 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭޑީކޭ އިން ބުނެއެވެ.

މެކޭނިކަލް ޕާކިން ސިސްޓަމްގައި ވެހިކަލެއް ޕާކް ކުރެވޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށެވެ. އެއަށް ވުރެ އިތުރު ވެއްޖެނަމަ ވެހިކަލް ޓޯ ކުރުމުގެ އިހްތިޔާރު އޭޑީކޭއަށް ލިބިގެންވެއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އޭޑީކޭ އިން މާލޭގެ ޕާކު ކުރުމުގެ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން ކުރި އެ މަސައްކަތުން އިބުރަތް ލިބި އެހެން ކުންފުނިތަކުން ވެސް އެގޮތަށް އަމަލުކުރުމަށް އެދިލައްވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ ޕާކިން ސިސްޓަމްގެ މަގުސަދަކީ އެ ހޮސްޕިޓަލަށް އަންނަ މީހުންނަށް ދިމާވަމުންދާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ.

އޭޑީކޭގައި އަލަށް އިމާރާތް ކުރަން ނިންމާފައިވާ އިމާރާތުގެ ދެ ފްލޯ، ސައިކަލް ޕާކް ކުރުމަށް ހަމަޖައްސާނެ ކަމަށްވެސް އަފްއާލް ވަނީ ވިދާޅުވެފައެވެ.