03 Jun 2018, 01:02
އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ވާދަކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ފުޓުބޯޅައެއް ފެނިގެން ދިޔަ އިރު، މެޗަށް ޓީސީން ނުކުތީ އާންމުކޮށް ފުރަތަމަ 11ގައި ހިމަނާ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ.
އެގޮތުން ޓީސީގެ ބިދޭސީ ޑިފެންޑަރު އަލާ ނަސްރުގެ އިތުރުން މެދަށް ކުޅޭ އިބްރާހީމް ވަހީދު (އިއްބެ) އަދި ފޯވަޑަށް އާންމުކޮށް އަރާ އިޝާން އިބްރާހީމް (ސައްޓު)ވެސް މިރޭ ފަށައިފައެއް ނުވެއެވެ. މީގެ އިތުރުންވެސް މެދަށް ކުޅޭ އަހުމަދު ރިލުވާން (ބެން)އާއި ފަހަތުން ފަޅިއަށް ކުޅޭ މުހައްމަދު ސާމިރު އަދި އަހުމަދު ފައްރާހް (ފައްރަ)ވެސް މިރޭ ޓީސީގެ ފުރަތަމަ 11ގައި ހިމެނިފައެއް ނުވެއެވެ. އާންމުކޮށް ޓީސީގެ ގޯލް ބަލަހައްޓަމުން އަންނަ އިބްރާހީމް ނަދީމުގެ ބަދަލުގައި މިރޭ ގޯލްވެސް ބެލެހެއްޓީ އިފްރާހް އަރީފެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ކުރީ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ އިރު، މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓް ތެރޭގައިވެސް ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ. ގިނަ ހަމަލާތަކަކަށްފަހު މެޗުގެ 19 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ޔޫވީންނެވެ.
ޔޫވީގެ ބްރެޒިލް މިޑްފީލްޑަރު ޕަބްލޯ ހެލްބާ ކުރިއަށް ދިން ރީތި ބޯޅައަށް ޓީސީގެ އޭރިއާ ތެރެއަށް ވަދެ، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލީ ފޯވަޑް ސެމިއުލް ކޯޑޭލްއެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ވެސް ސެމިއުލްއަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، ޓީސީ އޭރިއާ ތެރޭގައި ހުރެ އޭނާ ތިރިތިރިން ބާރަށް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ކީޕަރު އިފްރާހެވެ.
އޭގެ އިތުރުން ފުރަތަމަ ހާފްގައި ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، ޔޫވީގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ބޯމަތިން މަޑުމަޑުން އޭނާ އެއްލި ބޯޅަ ގޯލްގެ ރޮނގުމަތިން ސާފް ކޮށްލީ ޔޫވީގެ ތަޖުތިބާކާރު ޑިފެންޑަރު އަލީ ޝަރީފެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ އެޓޭކިން ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފްގެ ފުރަތަމަ ކޮޅުގައިވެސް ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ. ޔޫވީގެ ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ)ގެ ހުރަހަކުން ސަމިއުލްއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޓީސީގެ ޒުވާން މިޑްފީލްޑަރު އައްޒާމް އަބްދުﷲގެ ބާރު ހަމަލާއެއް ގޯލާ އަމާޒުކޮށްލި އިރު، މަތިމަތިން ދިޔަ ހަމަލާ ދިފާއުކޮށް، ކޯނަރަކަށް ބޯޅަ ބޭރުކޮށްލީ ޔޫވީގެ ކީޕަރު ޓޮޕްލަކެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 58 ވަނަ މިނެޓުގައެވެ. އައްޒާމް އަބްދުﷲގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން ސޮލާހެވެ. މެޗުގެ ފަހު ހާފްގައި ޓީސީގެ އިބްރާހީމް ވަހީދު (އިއްބެ)ގެ އިތުރުން ސާމިރުވެސް ކުޅުމަށް ނުކުމެފައިވާ އިރު، މެޗުގައި ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބިފައިވެއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ޔޫވީގެ ކުރިއަށް ކުޅެމުން ދިޔަ ސެމިއުލްގެ ބާރު ދުވެއްޔާއެކު ތަނަވަސްކުރި ފުރުސަތުގައި ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައިވާ އިރު، ކީޕަރު އިފްރާ ކުރިއަށް ޖެހި އޮއްވާ ބްރެޒިލް މިޑްފީލްޑަރު ޕަބްލޯ ފޮނުވާލި ހަމަލާ ގޯލް ރޮނގުމަތިން ދިފާއުކުރީ ޓީސީގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)އެވެ.
މެޗު ނިމެން ދަނިކޮށް ޓީސީގެ އައްޒާމް އަބްދުﷲއާއި އަހުމަދު އާރިފް (އާރީ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވިފައިވާ އިރު، އާރީއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ކީޕަރުވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ޔޫވީގެ ގޯލް ލައިން މަތިން ދިފާއުކޮށް ބޭރުކޮށްލީ ޑިފެންޑަރު އިބްރާހީމް ވާހިދު (ވާޑު) އެވެ.
މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން ޔޫވީއަށް ލިބެނީ އަށް ޕޮއިންޓެވެ. ހަވަނައިގައި އޮތް ގްރީންއަށް 12 މެޗުން 14 ޕޮއިންޓް ޕޮއިންޓް ލިބިފައިވާ އިރު، ދެ ޓީމަށްވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. މިހާރުވެސް ޕްރިމިއާ ލީގު ޖާގަ ޔަގީން ވެފައި އޮތް ޓީސީއަށް 12 މެޗުން ލިބެނީ 19 ޕޮއިންޓެވެ.
މާލޭ ލީގުގެ މެޗެއް މާދަމާ ރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ލީގުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.