މަޝްހޫރު ލޯބީގެ ވާހަކަ ލައިލާ މަޖްނޫގެ އާ ފިލްމު އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިއްޖެއެވެ.

ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވީ ނަމަވެސް ޓީޒާގައި ހަރަކާތްތެރިވާ ތަރިންނެއް އެނގޭ ގޮތެއް ނުވިއެވެ. ތަރިން ވަންހަނާކޮށް ފިލްމުގެ ޓީޒާ އާންމުކުރި އިރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނީ ފިލްމުގެ ތަރިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ލައިލާ މަޖުނޫ"ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އިމްތިއާޒް އަލީ އަދި އޭނާގެ ކޮއްކޮ ސާޖިދެވެ. ފިލްމާ ގުޅޭ ގޮތުން އިމްތިޔާޒް ބުނީ ކުރީގެ ދެ ފިލްމާ ޚިލާފަށް މިފަހަރުގެ ލައިލާ މަޖުނޫ ވަރަށް ބޮޑުތަންވެސް ތަފާތު ވާނެ ކަމަށެވެ.

ކަޝްމީރުގެ ހިތްގައިމު ވާދީތައް ޓީޒާ އިން ފެނިގެން ދެއެވެ.

"އަބަދުވެސް އެންމެން ވެސް ލޯބީގެ މިސާލަކަށް ވިއްޔާ ނަގާނެ މި ކަހަލަ ވާހަކަތައް. ލައިލާ މަޖުނޫ، ރޯމިޔޯ ޖޫލިއަޓް ފަދަ ވާހަކަތައް. މި ކަހަލަ ލޯބީގެ ވާހަކަތަކަކީ މަރުވާނެ ވާހަކަތަކެއް ނޫން. އަބަދުވެސް ކޮންމެ ޖެނެރޭޝަން އަކު ވެސް އޭގެ ވާހަކަތައް ދައްކާނެ،" އެކްތާ ކުރިން ބުނެފައިވެއެވެ.

ލައިލާ މަޖުނޫގެ ފުރަތަމަ ފިލްމެއް ނުކުތީ 1953ގައެވެ. އެ ފިލްމުގެ ލީޑުން ޝައްމީ ކަޕޫރާއި ނޫޓާން ފެނިގެން ގޮސްފައިވެއެވެ. "ލައިލާ މަޖުނޫން"ގެ ދެވަނަ ފިލްމެއް ނުކުތީ 1976 ގައިއެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިޔައީ ރިޝީ ކަޕޫރާއި ރަންޖީތާ ކޯރް އެވެ.