ރާއްޖޭގެ މަޝްހޫރި ތިން އަންހެން ވޮލީ ކުޅުންތެރިންކަމަށްވާ ސުހާނާ އަހުމަދު، އައިޝަތު ނާޒިމާ އަދި މަދީހާ އަބްދުލްރަހުމާން އިންޑިޔާގެ ޗެންނާއި ޑެވެލޮޕްމަންޓް ސެންޓަރުގައި ހިންގި ފެޑަރޭޝަން އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ)ގެ ލެވެލް 1ގެ ކޯޗިންގް ކޯސް ފުރިހަމަ ކުރުމުން ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން މަރުހަބާ ކިޔައިފި އެވެ.

އޮގަސްޓް 27 ން ސެޕްޓެމްބަރު 4 އަށް ބޭއްވި މިމުބާރާތިގައި ޖުމްލަ 38 މީހުން ބައިވެރިވިއިރު އޭގެ ތެރެއިން 8 މީހުންނަކީ އަންހެން ބައިވެރިންނެވެ. ކޯސް ކުރިއަށް ގެންގިސްދިނީ ހާމިދު އަލް ވާސިމީ އާއި ކޯހުގެ ޑިރެކްޓަރު އަތިނަސިއޮސް އެވެ. މި އިންސްޓްރަކްޓަރުންނަކީ އެފްއައިވީބީ ގެ އެންމެ ތަޖުރިބާކާރު ދެ މީހުންނެވެ.

"ރާއްޖޭގެ ފަރާތުން ބައިވެރިވި ސުހާނާ، ނާޒިމާ އަދި މަދީހާ އަކީ އެސޯސިއޭޝަނުން ހިންގާ ސްކޫލު ޕްރޮގްރާމުތަކުގައި ވެސް އެހީތެރިވެދީފައިވޭ. މިހާރު އެމީހުންގެ އިލްމުގެ އަލީގައި އެ ޕްރޮގްރާމްތައް އިތުރަށް ފުރިހަމަ ކޮށްދެވޭނެ. އެ ތިން ބައިވެރިން ކޯހުން ފާސްވުމާއި ގުޅިގެން ވޮލީބޯޅަ އެސޯސިއޭޝަނުން ފަހުވެރިވަން. ހާއްސަކޮށް ސުހާނާ ވަނީ 8 އަންހެން ބައިވެރިންގެ ތެރެއިން އެންމެ މަތިން ފާސްވެފަ." ވޮލީބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިޕާޓްމަންޓު ހިންގުމާއި ހަވާލުވެ ހުންނެވި ޝަރަފު ބުންޏެވެ.