ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރު ނިމުމަކަށް އަންނަނީއެވެ. އިންތިހާބާ ދެމެދު ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ތަރައްގީގައި ނިމިގެންދިޔަ ހަތަރު އަހަރަކީވެސް އެހެން އަހަރުތަކާ އަޅާބަލާއިރު ކާމިޔާބު ހަތަރު އަހަރު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން އަދި ގިނަ ރައްޔިތުންވެސް ގަބޫލުކުރެއެވެ.

ރައީސް ޔާމީން ތަމްސީލް ކުރައްވާ ޕީޕީއެމްއިން އެމަނިކުފާނަށް މިވަނީ ކުރިއަށް އޮތް ދައުރުވެސް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ތަމްސީލުކުރަން ފުރުސަތު ދެއްވައިފައެވެ. މިދިޔަ ހަތަރު އަހަރުދުވަހު ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީގެ ބަދަލެއްގެ ގޮތުންންނެވެ.

ރައީސް ޔާމީންގެ ތަރައްގީގެ ބޮޅުތައް ހަމައެކަނި ގަތާލަނީ މާލޭ ސަރަހައްދަކު އެކަންޏެއް ނޫނެވެ. ބިޔަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އަދި މާލޭ ސަރަހައްދަށް އަންނަ ކޮންމެ ތަރައްގީއެއްވެސް ބެހިފައިވަނީ އަތޮޅުތެރެއަށްވެސް އެކަމުގެ ފައިދާ ކުރާނެ ފަދަ ގޮތަކަށެވެ. މީގެ މިސާލަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެން އަންނަ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް އެއާޕޯޓްތައް ތަރައްގީ ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ދ. މާއެނބޫދޫގައި -- ފޮޓޯ/ މީސް މީޑިއާ

މި ސަރުކާރުން ގެނެސްދިން ތަރައްގީ ރައްޔިތުން ވަޒަން ކުރަނީ އަދި މިން ކުރަނީ ކިހާވަރަކަށްތޯ އެއީ އުފެދޭ ސުވާލެކެވެ. އެކަން ވަޒަންކޮށް ނުނިމި ހުރި މަޝްރުއުތަކާއި ރައްޔިތުންގެ ހާލު އެންމެ ގާތުން ބެލުމަށް ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމްގެ ޓީމްތައް މިވަނީ އަތޮޅު ތެރެއަށް ހާއްސަ ދަތުރުތަކެއް ފަށައިފައެވެ.

ރަމަޟާން މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ކުރަމުން އަންނަ ދަތުރުތައް އަދިވެސް ކުރިއަށްދާއިރު އެ ދަތުރުތަކުގެ ފުރަތަމަ ބާބު ފެށިގެން އައީ އުތުރުގެ އަތޮޅުތަކުންނެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އެންމެ އިސް މަގާމްތައް ތަމްސީލުކުރައްވާ ބޭފުޅުން އެ ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ އިސްވެރިންވެސް މި ދަތުރުތަކުގައި ރައްޔިތުންގެ ގާތަށް ގޮސް އެ ރައްޔިތުންގެ ހާލު ވަނީ ބައްލަވައިފައެވެ. ކޯލީޝަން ޕާޓްނަރު އެމްޑީއޭވެސް ހަމަ އެއް ރޫހެއްގައި ދަތުރުތަކުގައި ދަނީ ބައިވެރިވަމުންނެވެ.

މިވަގުތުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ޕީޕީއެމްގެ ޓީމްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ބޮޑު ތިލަދުންމައްޗާއި، ހައްދުންމަތި އަދި ހުވަދޫ އަތޮޅުގައެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ހދ. މަކުނުދޫގައި -- ފޮޓޯ/ މީސް މީޑިއާ

ރާއްޖޭގެ އެންމެ ގިނަ މަޝްރޫއު ކުރިއަށްދާ އެއް އަތޮޅަކީ ހދ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އެންމެ ބޮޑު ކުޅުދުއްފުށީގައިވެސް ޖުމްލަ 30 މަޝްރޫއެއް ވަނީ މި ސަރުކާރުން ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމިފައިވާއިރު ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

ހދ. ޓީމުގައި ހިމެނިވަޑައިގަންނަވާ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަދި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް "ސަން"އަށް ވިދާޅުވީ މި ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާއި ވިހާވެސް ގާތުން މައުލޫމާތު ހޯދާ ރައްޔިތުންގެ ހާލު ބެލުން ކަމަށެވެ. އިގްބާލް ވިދާޅުވީ ދަތުރުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަތުރުގައި އެކި ޓީމުތަކަށް ބަހާލައިގެން ކުރިއަށް މި ގެންދަނީ. ކުދިކުދި ޓީމުތައް ހަދައިގެން ހުރިހާ އަތޮޅެއްވެސް އަދި ރަށްތައް ކަވަރު ކުރާ ގޮތަށް. މި ދަތުރުގެ ބޭނުމަކީ ކޮންމެ ރައްޔިތަކާވެސް ބައްދަލުކޮށް އެމީހެއްގެ ހާލު އަހާ އޮޅުން ފިލުވުން،" ހދ. މަކުނުދޫގައި ހުންނަވައިގެން އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ މި ދަތުރުގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުން އެކި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާފައިވާނެ ކަމަށާއި އެ މަސައްކަތްތައް ގޮސްފައިވާ ހިސާބުތައް އަހާ އޮޅުން ފިލުވާފައިވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ގދ. ތިނަދޫގައި -- ފޮޓޯ/ މީސް މީޑިއާ

"މަޝްރޫއުތައް ގޮސްފައިވާ ހިސާބުތައް އަޅުގަނޑުމެންވާނެ ބަލާފައި. އެކަމުގެ މައުލޫމާތު ސާފުކޮށް މަޑު ޖެހިފައި ހުރި މަޝްރޫއުތައް އަވަސް ކުރުމަށް ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ކުރެވެން ހުރި ކަންކަން ބަލަމުން މިދަނީ،" އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ފާހަގަކުރެއްވި ގޮތުގައި "ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަަށް އަތޮޅުތަކުން ސާބަސް ދޭ" ކަމަށާއި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ތައްޔާރަށް ތިބިކަން ދަތުރުތަކުން ޔަގީންވި ކަމަށެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ދ. މާއެނބޫދޫގައި -- ފޮޓޯ/ މީސް މީޑިއާ

"ވަރަށް ވަރަށް ބޮޑު ތަރުހީބެއް އަތޮޅު ތެރޭގައި އެބައޮތް. ހއ. ހދ. އިން އެ މަންޒަރު ސީދާ އަޅުގަނޑަށް ފެނުނު. ރައްޔިތުން ތިބީ ފޮނި އުންމީދެއްގައި. އަޅުގަނޑުމެންގެ ކައުންސިލުން ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމި ނިންމުމަށްވެސް ރައްޔިތުން މަރުހަބާ ވިދާޅުވި. އުންމީދު އާވެގެން ދިޔަ ދަތުރުތަކެއް މިއީ،" އިގްބާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދަތުރުގައި ޕީޕީއެމްއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ނުކުރި ނަމަވެސް ގިނަ ބަޔަކު އަމިއްލަ ޝައުގުވެރިކަމުގައި ޕީޕީއެމްއާ ގުޅުމަށް އެދޭ ކަމަށާއި އެކަމަށްވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ގދ. ތިނަދޫގައި -- ފޮޓޯ/ މީސް މީޑިއާ

ޕީޕީއެމްގެ ޓީމުތައް ގދ. އަތޮޅުގައި ހަރަކާތްތެރިވަމުން އަންނަ އިރު އެ އަތޮޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް ވަނީ އެ އަތޮޅު ރައްޔިތުންނާ އެންމެ ގާތުން ބައްދަލުކޮށް ރައްޔިތުންގެ ހާލު ބައްލަވައިފައެވެ.

ނިހާން ކުރެއްވީ ޓްވީޓްތަކުގައި ވަނީ މި ދަތުރާ ގުޅޭ ބައެއް ފޮޓޯތަކާއި ބައެއް މަސައްކަތްތަކުގެ ތަފްސީލް ވެސް ހިއްސާ ކުރާއްވައިފައެވެ. އެގޮތުން ކެމްޕެއިން ޓީމުތައް ޓްރެއިން ކުރުމުގެ މަސައްކަތްވެސް ތިނަދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ ވޯޓްލާ ބަޔަކީ ތިނދޫ މީހުން ކަމަށް ވުމަށް ނައިބު ރައީސް ޖިހާދު އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. ނައިބު ރައީސް ޖިހާދަކީ ތިނަދޫ ބޭފުޅެކެވެ.

ދ. އަތޮޅުގައިވެސް ޕީޕީއެމްގެ ޓީމުތައް ހަރަކާތްތެރިވަމުންދާ އިރު އެ ޓީމުގައި ޑިފެންސް މިނިސްޓަރު އަދާމް ޝަރީފް އުމަރު ބައިވެރިވެވަޑައިގަންނަވައެވެ. އަދި އެމްޑީއޭގެ އިސްވެރިންވެސް އެ ދަތުރުގައި ދަނީ ބައިވެރިވަމުންނެވެ. މިއަދު ދ. އަތޮޅަށް ޒިޔާރަތްކުރާ ޓީމު ބައްދަލުކޮށްފައިވަނީ ދ. މާއެނބޫދޫ ރައްޔިތުންނާއެވެ.

ސަރުކާރު ކޯލިޝަނުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، ހދ. ނޮޅިވަރަމްގައި -- ފޮޓޯ/ މީސް މީޑިއާ

ސަރުކާރާއި ޕީޕީއެމް އަދި އެމްޑީއޭ ޓީމުތަކަށް އަތޮޅުތަކުން ބޮޑު ސަޕޯޓެއް ލިބެމުންދާ ކަަމަށް އެ ފަރާތްތަކުން ބުނާއިރު ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ހުށަހަޅާ މެނިފެސްޓޯގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ޕީޕީއެމް އިން ބުނީ ރައްޔިތުންނާ ގާތުން ހާލު އޮޅުންފިލުވޭނީ ސްކައިޕާއި ފޭސްބުކް ލައިވުން ނޫން ކަމަށާއި އެ ރައްޔިތުންގެ ހާލު އެނގޭނީ އެ ރައްޔިތުންގެ ގާތަށް ގޮސް ހާލު ބަލާ އޮޅުންފިލުވީމަ ކަމަށެވެ. ޕީޕީއެމްގެ ޓީމުތަކަށް ރައްޔިތުންގެ ވިންދު އެނގޭ ކަމަށާއި ރައްޔިތުން ތިބީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ދޭން ތައްޔާރަށް ކަަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.