03 Jun 2018, 10:59
ސައިކަލް ބަހައްޓާފައި ޕޭމަންޓަށް (ދުވާރަށް) އެރިއިރު ތަރުތީބެއްނެތި ފުނި ޖަހާފައި ހުރި ގަލާއި ގޮނޑި ފަދަ ތަކެތީގެ އިތުރުން ހަދަމުންދާ އިމާރާތްތަކަށް ބޭނުންވާ ސާމާނުތަކުގެ ސަބަބުން ހިނގެން ނެތެވެ. އަދި ނުވިތާކަށް ބައެއް މީހުންގެ ކުނިގޮނޑަށް ވެސް ދުވާރު އެބަހަދައެވެ. މިއީ ތޮއްޖެހިފައިވާ މާލޭގެ ހާލަތެވެ.
ދުވާރުގެ މެދުގައި ގޮނޑިއެއް ބަހައްޓާފައި ހުރެދާނެ އެވެ. ނޫނީ ގާތަކެއް ނަގާފައި ހުރެދާނެ އެވެ. ނުވަތަ ކޮންމެ ވެސް ފިހާރައަކަށް ގެނެސް ހުރި މުދާތަކެއް ނޫނީ އިމާރާތެއް ހަދަން ބަހައްޓާފައިހުރި މުދާތަކެއް ހުރެދާނެ އެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވުމަށް މަގުން ހާއްސަކޮށްފައިވާ ޕޭމަންޓުން ހިނގަން ފުރުސަތު ނުލިބެއެވެ.
"މަގުމަތި މި އޮތީ ސައިކަލުތަކުން ފުރިފައި. ހިގަަން މިއޮތީ ދުވާރު. ދުވާރު މި އޮތީ އިިމާރާތް ކުރާ މީހުންގެ ގުދަނަކަށް ވެފައި. އެހެން ނޫނީ ކުނިން ފުރިފައި،" ޕޭމެންޓުގެ ދަތިކަން ހިއްސާ ކުރަމުން އުމުރުން ދުވަސް ވީ މީހަކު ބުންޏެވެ.
މާލޭ މަގުމަތީގައި ހަރުކޮއްފައިވާ ހޮޅި
ކާރޫބާރޫ ބޮޑު އަދި ނުރައްކާ ދުއްވުންތައް ގިނަ މާލޭގައި ހިނގާބިނގާވެ އުޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދުވާރުން އެފުރުސަތު ނުލިބުމެވެ. އެއީ ޅަދަރިންނަށާއި ދުވަސްވީ މީހުންގެ އިތުރުން އެތައް ހާސް ބަޔަކު ދިރިއުޅޭ މާލޭގައި އޮތް ބޮޑު ބިރެކެވެ.
އިމާރާތް ކުރާ ފަރާތް ތަކުގެ ޝަކުވާ
އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ// އަލީ ނަސީރު
"ދުވާރުތަކުގައި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ބަހައްޓަން ޖެހެނީ އެ އެއްޗެހި ބަހައްޓަން އެހެން ގޮތެއް ނޫނީ ތަނެއް ހަމަނުޖެހޭތީީ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތް ކުރުމުގެ މަސަތްކަށް ކުރާ ފަރާތަކުން ބުނެޏެވެ.
އިންޑަސްޓްރިއަލް ވިލެޖު މިކަމަށް ހައްލެއްބާ؟
މާލޭގެ ހުޅަނގު ދެކުނު ފަރާތުން ކަޅުތުއްކަލާ ކޮށްޓާ ދިމާ ފަޅުތެރެ ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާއިރުު މިތަނުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެކަން ޔަގީނެވެ.

މެއި 26، 2016: ސިނާއީ ސަރަހައްދެއް ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރަމުންދާ "މާލޭ އިންޑަސްޓްރިއަލް ވިލެޖް"---ސަންފޮޓޯ/ޔޫސުފް ސޮފްވާން
ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ސަރަހައްދު ނިމުމާ އެކު މާލޭގެ މަގުތައް ބަންދުވުމާއި ތޮއްޖެހުމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތައް ނިމުމާ އެކު މާލޭގައި ހިންގާ، ސިއްހަތަށް ގެއްލުންވާ މެޓަލް ވޯކްޝޮޕް ކަހަލަ މަސައްކަތްތައް ވެސް އެ ސަރަހައްދަށް ބަދަލުވެގެން ދާނެ އެވެ.
އެކަމުގެ ސަބަބުން އިމާރާތް ކުރާ ފަރާތްތަކަށް ވެސް ބޮޑެތި ފެސޭހަތަކެއް ވެގެން ދާނެ އެވެ.
ފިޔަވަޅުތައް އެބައަޅަން
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އުނދަގޫވާ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ފުލުހުން މެދުވެރިކޮށް ނަގަމުން އަންނަ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު -- ސަން ފައިލް ފޮޓޯ
މަގުތައް މައްޗާއި ދުވާރު މަތީގައި މިގޮތަށް އެކި ޒާތްޒާތުގެ ކުންޏާއި އިމާރާތް ކުރަމުންދާ ސަރަހައްދުތަކުގެ ދުވާރުމަތީގައި ހުރުމުން އެކަމުގެ އުނދަގޫ އެތައްބަޔަކު ދަނީ ތަހައްމަލް ކުރަމުންނެވެ.

ޕޭމަންޓް ބޭނުން ކުރަން އުނގަދޫވާ ގޮތަށް އެއްޗެތި ބަހައްޓާފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
މި ކަންކަމަށް ހައްލު ގެނައުމަށް ޓަކައި ކަމާ ގުޅޭ މުއައްސަސާތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާތަކެއް އެބަހުއްޓެވެ. މިފަދަ އިޖްތިމާއީ ދަތި އުނދަގޫތަކުން އަރައިގަތުމުގައި މުއައްސަސާތަކުގެ ޒިންމާއެކޭ އެއްފަދައިން ފަރުދީ ޒިންމާ ވެސް ވަރަށް ބޮޑުވާނެ އެވެ. އެންމެ ފަރުދަކު އެއްބާރުލުން ނުދީފި ނަމަވެސް އެތައް ފަރުދުންނަކަށް އޭގެ ދަތި އުނދަގޫ އިހްސާކުރަން ޖެހޭކަން ކޮންމެ މީހަކު ވެސް ވިސްނައި، އެކަންކަން އިސްލާހުކުރާންވީ އެވެ.