02 Jun 2018, 20:15
ގާޒާ (ޖޫން 2): ފަލަސްތީނުގެ ރައްޔިތުން 'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި ފެށި މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 100 އަށް ވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނެއެވެ. ނޫސްވެރިންނާއި ސިއްހީ ފަރުވާދޭ ފަރާތްތައް ހިމެނެއެވެ. އެގޮތުން އިއްޔެ އިސްރާއީލް ސިފައިން ދިން ހަމަލާއެއްގައި ވަނީ އުމުރުން 21 އަހަރުގެ ނަރުހެއްވެސް ޝަހީދުކޮށްލައިފައެވެ.
ރަޒަން އަލް ނަޖަރުއާއެކު ގާޒާގެ ބޯޑަރު ކައިރީ މަސައްކަތް ކުރަމުން ދިޔަ މީހަކު އޭނާ ސިފަކޮށްފައިވަނީ ހިތްވަރުގަދަ، ބިރަކާ ނުލައި މަސައްކަތް ކުރަމުން ދިޔަ ނަރުހެއްގެ ގޮތުގައެވެ.
"އަހަރެން ބުނިން އެއީ ނުރައްކާތެރި ކަމެއް ކަމަށް އެކަމަކު (ރަޒަން) ބުނީ މަރުވާން ބިރެއް ނެތް ކަމަށް އަދި އަނިޔާވެފައިވާ މީހުންނަށް އެހީވާން ބޭނުން ކަމަށް،" އިސްރާއީލްގެ ނޫހެއްގައިވެއެވެ.
އިސްރާއީލް ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަމުން ދިޔަ ނަމަވެސް ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ރަޒަންގެ އެއްވެސް ބިރެއް ނެތް ކަން އިތުރަށް ހާމަވަނީ އޭނާގެ އެންމެ ފަހުގެ ފޭސްބުކް ޕޯސްޓުންނެވެ.
"އަހަރެންގެ ގަޔަށް ވަޒަން ޖަހަންވީ. އަހަރެން ބިރެއް ނުގަނޭ،" ރަޒަންގެ ފޭސްބުކްގައިވެއެވެ.

ރަޒަން އަލް ނަޖަރު ގާޒާގެ ބޯޑަރު ކައިރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެނީ -- ފޮޓޯ: ޓުވިޓާ
ރަޒަން ޝަހީދުކޮށްލި މަންޒަރު ފެނުނު މީހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އޭނާގެ ގަޔަށް ސިފައިން ބަޑި ޖެހީ ޒަހަމްވެފައިވާ މީހަކަށް އެހީވާން ދުވެފައި ދަނިކޮށެވެ.
އަދި ހުދު ކުލައިގެ ޔުނިފޯމެއް ލައިގެން ހުރި ރަޒަން ވަނީ 'ސިފައިންނަށް ރަނގަޅަށް ފެންނަ ގޮތަށް ދެ އަތް މައްޗަށް ނަގާފައި' ކަމަށާއި ނަމަވެސް އިސްރާއީލް ސިފައިން ބަޑި ޖެހީ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ރަޒަން ޝަހީދުކޮށްލުމަކީ 'ހަނގުރާމައިގެ އަމަލެއް' ކަމަށް ބުނެފައެވެ.
ރަޒަންގެ މަރާ ބެހޭ ގޮތުން އިސްރާއީލް އަސްކަރިއްޔާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަނީ އެމީހުންނަކީ ނުރައްކަލެއް ކަމަށް ބެލެވުނީމައެވެ.
ގާޒާގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި އިސްރާއީލުން އެއްވެސް މީހަކު އަދި މަރުވެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 120އަށް އަރާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.