02 Jun 2018, 16:16
އެންމެފަހުގެ ގައުމީ ބެޑްމިންޓަން ސިންގަލްސް ޗެމްޕިއަން ހުސައިން ޒަޔާން ޝަހީދު ޒަކީ ނުހިމަނައި ރާއްޖޭގެ ބެޑްމިންޓަން ޓީމު އިއްޔެ މޮރިޝަސްއަށް ފުރައިފިއެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ދިހަ ވަނަ ދުވަހާ ހަމައަށް މޮރިޝަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޮރިޝަސް އިންޓަނޭޝަނަލް ސީރީސްގައި ވާދަކުރަމަށް ފުރި ގައުމީ ސްކޮޑުގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންނެވެ.
ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު އަޖުފާން، މުހައްމަދު ޝާރިމްގެ އިތުރުން އަހުމަދު ތޯއިފާއި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދެވެ. އަންހެން ޓީމުގައި އެންމެފަހުގެ ގައުމީ ސިންގަލްސް ޗެމްޕިއަން އާމިނަތު ނަބީހާ އަބްދުރައްޒާގްގެ އިތުރުން ދެން ހިމެނީ އޭނާއާ އެއްމާބަނޑު ނަބާހާ އަބްދުލްރައްޒާގާއި އައިމިނަތު ޝަހުރުނާޒެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި ނީލާ ނަޖީބާއި އަފްނާން ރަޝީދު ވެސް ގައުމީ ސްކޮޑުގައި ހިމެނިފައި ނުވާ އިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއު ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު މޮރިޝަސް ސީރީޒްގައި ރާއްޖެއިން ވާދަކުރި ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދެއްކި މައިޝާ ފަތުހުﷲ ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.
މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޓީމަށެވެ. މިފަހަރު ސްކޮޑުން ބޭރު ކުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޒަޔާން ވެސް ރާއްޖެއިން މެޑަލް ހޯދި މިކްސް ޑަބަލްސް ޓީމުގައި ހިމެނެއެވެ.
ރާއްޖެއިން އެކުލަވާލި ޓީމާ ގުޅިގެން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓީމު އެކުލަވާލީ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަަކަށް ބަލައިގެން ކަމަށެވެ. އިންޑިއާގެ އަފްޒަލް ރަޝީދުގެ ކޯޗުކަމުގެ ދަށުން މިހާރު ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ޓީމުން ހަ ގަޑިއިރާއި ފަސް ގަޑި އިރާ ދެމެދުގެ ވަގުތެއްގައި ފަރިތަކުރަމުންދާ ކަމަށާއި، ޓީމަށް ކުޅުންތެރިން ނެގީ އެ ފަރިތަކުރުންތަކަށް ބަލައިގެން ކަމަށެވެ.
ޓީމު ނެގުމުގައި ވަކި ކުޅުންތެރިއަކަށް ނުވިސްނާ ކަމަށާއި، ޓީމުން މިއަހަރުގެ ސިންގަލްސް ޗެމްޕިއަންސް ޒަޔާންއަށް ފުރުސަތު ނެތީ ކަމަށްވެސް އިޝްފާން ފާހަގަކުރިއެވެ. އޭނާ ބުނީ ޒަޔާންގެ އިތުރުންވެސް އުންމީދީ ބައެއް ކުޅުންތެރިންނަށް މިފަހަރުގެ ސްކޮޑުން ޖާގަ ނުލިބުނު ކަމަށެވެ.
މޮރިޝަސް ސީރީސްއަކީ އަންނަ އަހަރު އެ ގައުމުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބޭ ފުރުސަތަށްވާ އިރު، މުބާރާތަށް ދިޔަ ސްކޮޑުގައި ނުހެމުނުން ޒަޔާން ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ޓީމެއް ނޭރުމާ ގުޅިގެން "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ރާއްޖޭގެ ސިންގަލްސް ޗެމްޕިއަން ބުނެފައިވެއެވެ.
ޒަޔާން ބުނީ ޓީމަށް ނޭރިކަން އެނގުނީ މުބާރާތް ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށާއި، އެސޯސިއޭޝަންގެ ފަރާތުން އޭނާއަށް ފަހުވަގުތު އެއްބަސްވުމެެއް ހުށަހެޅި ކަމަށެވެ. އެއްބަސްވުން ހުށަހެޅީ މުބާރާތަށް ނަންތައް ފޮނުވަން މާ ގިނަ ވަގުތެެއް ނެތި ކަމަށާއި، އެ އެއްބަސްވުން މުރާޖާ ކުރަން އޭނާއަށް އެކަށީގެންވާ ވަގުތުވެސް ނުދޭ ކަމަށެވެ. އަދި މިހާރުވެސް ބަރާބަރަށް މެލޭޝިއާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ކަމަށާއި، މެލޭޝިއާގެ ހައި ޕާފޯމަންސް ޓްރެއިނިން އެކަޑަމީގައި ފުލްޓައިމް ޓަރޭނިންތައް ފުރިހަމަ ކުރަމުން ދަނީވެސް އެސޯސިއޭޝަންގެ ހުއްދައާއެކު ކަމަށްވެސް ޒަޔާން ފާހަގަކުރިއެވެ. މީގެ ކުރިންވެސް ޒަޔާން އާންމުކޮށް ރާއްޖެއިން ބޭރުގައި އޮންނަ މުބާރާތްތަކަށްދާ ސްކޮޑާ ގުޅެނީ މެެލޭޝިއާއިންނެވެ.
ޒަޔާން އިތުރަށް ބުނީ އޭނާއަށް މުބާރާތް މުހިންމުވުމުން އެސޯސިއޭޝަންގެ ޓީމުން ބޭރުވާނަމަ އަމިއްލަ ހަރަދުގައި މުބާރާތަށް ދިއުމަށް ވެސް އެދުނު ކަމަށާއި، އެކަމުގައި އެކަށޭނެ ޖަވާބެއް ނުލިބުނު ކަމަށެވެ.
މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނީ މިކްސް ޑަބަލްސްގެ އިތުރުން ފިރިހެން އަދި އަންހެން ޑިވިޝަންގެ ވެސް ޑަބަލްސް ކެޓަގަރީގައެވެ.