އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ ބަޖެޓަށް 7,052,020ރ. އިތުރުކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށް، އެ ފައިސާ އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަށް އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ ބަޖެޓަށް 7,052,020ރ. އިތުރުކުރުމަށް އެދި އޮޑިޓާ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން އެކޮމިޓީން ޤަބޫލުކޮށް، އެ ފައިސާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އިތުރު ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މި އަހަރުގެ ބަޖެޓަށް އިތުރު ކޮށްދެއްވުމަށް މާލިއްޔަތު ކޮމިޓީން ވަނީ އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމީ، ފިނޭންސާއި އޮޑިޓާ ޖެނެރަލާއި މާލިއްޔަތު ކޮމިޓީގެ މުޤައްރިރާއި ދެމެދު ކުރި މަޝްވަރާތަކަށް ފަހު، ވެފައިވާ އެއްބަސްވުގެ ދަށުން ކަމަށެވެ.
މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް އެ ފައިސާ އިތުރު ކުރުމަށް އޮޑިޓާ ޖެނެރަލް އެދިވަޑައިގެންނެވީ މައިގަނޑު ފަސް ކަމަކަށް އިތުރު ޚަރަދު ކުރުމަށް ބޭނުންވެގެން ކަމަށާއި އަދި މާލިއްޔަތު ކޮމިޓީއަށް އެކަންކަމުގެ ތަފްސީލް އެންގުމަށް ފަހު ކަމަށެވެ.

އެ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، އޮޑިޓާ ޖެނެރަލްގެ އޮފީސް ޕްރޮފެޝަނަލް މުއައްސަސާއަކަށް ބަދަލުކުރުމަށް އެ އޮފީހުގެ ވަޒީފާގެ އޮނިގަނޑު އިސްލާހްކޮށް 22 މުވައްޒަފަކު މަދުކުރުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް 2,173,196 ރުފިޔާއާއި އޮޑިޓް ކުރުމަށްޓަކައި ކުރަން ޖެހޭ ދަތުރުފަތުރު ކުރުމަށް 1,411,864 ރުފިޔާ އާއި، ކޮންސަލްޓެންސީގެ ޚަރަދުގެ ގޮތުގައި 730,020ރ. ވަނީ އިތުރުކޮށްފަ އެވެ. އަދި އެއޮފީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް 749,624ރ. އާއި އޮރިޖިނަލް އޮޑިޓް ސޮފްޓްވެއާއެއް ގަތުމަށް ރ. 1,387,800 ވަނީ އިތުރު ކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން މި ގޮތަށް ނިންމީ 2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު އޮޑިޓާ ޖެނެރަލްގެ މަޤާމުގައި ބޭފުޅަކު ނެތުމާ އެކު، އޮޑިޓާ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމުން، އެއޮފީހުގެ ބަޖެޓް މުރާޖަޢާކޮށް ގެންނަން ޖެހޭ ބަދަލެއް ގެނެވިދާނެ ކަމަށް ކުރިން ނިންމަވާފައިވާ ނިންމުމެއް ތަންފީޒު ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފަ އެވެ.