02 Jun 2018, 16:08
މެޑްރިޑް (ޖޫން 2): ސްޕެއިންގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް މިއަދު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި އެވެ.
ސްޕެއިންގެ އާ ބޮޑުވަޒީރަށް ރަސްގެފާނު ހުވާލާ ދެއްވީ ކުރީގެ ބޮޑުވަޒީރު މަރިއާނޯ ރަހޯއިގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށް، އޭނާ މަގާމުން ދުރުކުރުމުންނެވެ.
ރަހޯއިއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޯޝަލިސްޓް ޕާޓީން ހުށަހެޅީ އޭނާގެ ޕީޕަލްސް ޕާޓީން ކޮރަޕްޝަނުގެ ސްކީމެއް ކުރިއަށް ގެންދިޔަކަން ސްޕެއިންގެ ހައި ކޯޓުގައި ސާބިތުވެ، ޕާޓީ ޖޫރިމަނާ ކުރި ފަހުންނެވެ. ދިހަ އަހަރު ވަންދެން ކުރިއަށް ގެންދިޔަ އެސްކީމުގައި ޕީޕަލްސް ޕާޓީން ވަނީ ސަރުކާރުގެ ކޮންޓްރެކްޓުތަކެއް ދިނުމުގައި ރިޝްވަތު ނަގާފައިކަން ކޯޓުގައި ވަނީ ސާބިތުވެފަ އެވެ.
އަދި ބޮޑުވަޒީރުގެ މަގާމަށް ސަންޗޭޒް އައްޔަން ކުރީ، ރަހޯއިގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ހުށަހެޅި ޕާޓީއަކީ ސޯޝަލިސްޓް ޕާޓީ ކަމަށްވާތީ އެވެ.
ސްޕެއިންގެ ގާނޫނު އަސާސީގައިވާ ގޮތުން، ބޮޑުވަޒީރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވެއްޖެ ނަމަ، ދެން ވެރިކަން ކުރަން ޖެހޭނީ ވޯޓު ނަގަން ހުށަހެޅި ޕާޓީއަކުންނެވެ.
މީގެ ކުރިން އިކޮނޮމިކްސް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސަންޗޭޒް ވެރިކަމަށް ވަޑައިގަތުމަށް ފަހު ހައްލު ކުރަން ޖެހޭ މައްސަލަތަކުގެ ތެރޭގައި ކެތަލޯނިއާގެ މައްސަލަ ހިމެނެ އެވެ.
ކެތަލޯނިއާ އިން ވަނީ މިދިޔަ އޮކްޓޯބަރު މަހު ސްޕެއިން އިން ވަކިވެ، މިނިވަން ދައުލަތެއް ބިނާ ކުރުމަށް ވޯޓުލާފަ އެވެ. އަދި އެއިންތިހާބަށް ފަހު ކެތަލޯނިއާއިން މިނިވަންކަން އިއުލާން ކުރި ނަމަވެސް ސްޕެއިންގެ ސަރުކާރުން ވަނީ އެނިންމުން ބާތިލުކޮށްފަ އެވެ. (އަލްޖަޒީރާ)