02 Jun 2018, 14:31
ކުއަލަލަމްޕޫރު (ޖޫން 2): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު އަންނަ އަންގާރަ ދުވަހު އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.
ރޮސްމާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަނުގެ މައްސަލައެއް އެމްއޭސީސީން ބަލަމުންދާތީ، އެމައްސަލައާ ގުޅޭ ބަޔާނެއް ނެގުމަށް ކަމަށް އެކޮމިޝަނުން ފޮނުވި ނޯޓިސްގައި ވެއެވެ.
ވަންއެމްޑީބީގެ މައްސަލައާ ގުޅިގެން އެމްއޭސީސީން ވަނީ މިދިޔަ މަހު ދެ ފަހަރެއްގެ މަތިން ނަޖީބާ ސުވާލުކޮށްފައެވެ.
އަދި ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކެއް ފާސްކޮށް، އެއެޕާޓްމެންޓުތަކުން 27.6 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދާފައެވެ.
ރޮއިޓާސްގައި ވާ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ އެސްއާރުސީން ނަޖީބުގެ އެކައުންޓަށް 10.6 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި ވަންއެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފައެވެ. އަދި އެފަންޑުން ވަނީ 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން 2015ގައި ތުހުމަތުކުރިއެވެ.
އެމައްސަލައިގައި ނަޖީބުގެ ކުށެއް ނެތް ކަމަށް މެލޭޝިއާގެ ކޯޓަކުން ނިންމި ނަމަވެސް ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ ވަންއެމްޑީބީ މައްސަލަ އަނެއްކާ ވެސް ތަހުގީގުކުރަން ނިންމަވައިފައެވެ.