އދ. (ޖޫން 2): ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ގޮވާލާ، ކުވޭތުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށްފިއެވެ.

ރަޝިއާއާއި ފްރާންސް ހިމެނޭ ގޮތަށް ސަލާމަތީ މަޖިލީހުގެ ދިހަ ގައުމަކުން ތާއިދުކުރި އެގަރާރުގައި ވަނީ "ފަލަސްތީނުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ފިޔަވަޅުތަކެއް" އެޅުމަށް ގޮވާލާފައެވެ.

އެވޯޓުގައި ބައިވެރިވުމަށް އިނގިރޭސިވިލާތާއި ޕޮލެންޑާއި ނެދަލޭންޑްސްއާއި އިތިއޯޕިއާއިން ދެކޮޅުހެދި އިރު ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެމެރިކާއިން އެކަންޏެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވަނީ އެއީ "ވަކި ފަރާތަކަށް ޖެހިފައިވާ" ގަރާރެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތަށް ޒިންމާވާން ޖެހޭނީ ގާޒާގެ ވެރިކަން ކުރާ ހަމާސްއިން ކަމަށް ބުނެފައެވެ.

އަދި އެމެރިކާއިން ވަނީ ހަމާސް ކުށްވެރިކޮށް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. ނަމަވެސް އެގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި 11 ގައުމަކުން ބައިވެރިވާން ދެކޮޅު ހެދިއެވެ. އަދި ގަރާރާ ދެކޮޅަށް ތިން ގައުމުން ވޯޓު ދިނެވެ.

އދގެ ސަލާމަތީ މަޖިލީހުގައި އެވޯޓުތައް ބާއްވާފައި ވަނީ ގާޒާގައި މިދިޔަ މާޗް މަހު ފެށި މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ދިން ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު 123އަށް އެރި ފަހުންނެވެ.

އެމެރިކާގެ ސަފީރު ހޭލީ ވަނީ މީގެ ކުރިންވެސް އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް ކުރައްވާފައެވެ. އެއީ ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާ ގުޅިގެން އެނިންމުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރެކެވެ. އެމެރިކާއިން އެގަރާރު ވީޓޯކުރީ މަޖިލީހުގައި ހިމެނޭ ބާކީ 14 ގައުމުން ގަރާރަށް ތާއިދުކުރި ފަހުންނެވެ.

(އަލްޖަޒީރާ)