ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެއްސީއަށް) ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަސީދު މިއަދު މެންބަރަކު އައްޔަން ކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެއްސީއަށް އައްޔަންކުރެއްވީ ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ އަލްއުސްތާޛު ޙުސައިން އިބްރާހީމް އެވެ. އޭނާ މިއަދު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިމަތީގައި، ޖޭއެއްސީގެ މެންބަރު ކަމުގެ ހުވައިވެސް ކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ޝަރުޢީ ނިޒާމު ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ހުސެއިންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.

ހުސެއިން އަކީ ސަރްއީ ދާއިރާގައި ހިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ބައެއް ކޯޓުތަކުގެ ޤާޟީކަން އޭނާވަނީ ކުރައްވާފަ އެވެ. އޭގެތެރޭގައި، ކޯޓު ނަންބަރު 1ގެ ޤާޟީ ކަމާއި، ކޯޓު ނަންބަރު 2ގެ ޤާޟީ ކަމާއި، ކޯޓު ނަންބަރު 3ގެ ޤާޟީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޤާޟީކަން ހިމެނެ އެވެ.