އައިޝްވާރްޔާ ރާއީ، އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ފަންނޭ ޚާން" ރިލީޒްކުރާނެ ދުވަސް ކަނޑައަޅައިފިއެވެ.

އަތުލް މަންޖްރޭކަރް ޑައިރެކްޓު ކޮށްފައިވާ "ފަންނޭ ޚާން" ރިލީޒްކުރާނީ އަންނަ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ. މިއީ އަތުލްގެ ފުރަތަމަ ޑައިރެކްޝަނެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކާމިޔާބު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ ބައްޕަ ކުރާ މަސައްކަތުގެ މައްޗަށެވެ.

ފިލްމުގައި އައިޝްވާރްޔާ ފެނިގެން ދާނީ މިޔުޒިކް ސެންސޭޝަނެއްގެ ގޮތުގައެވެ. އައިޝްވާރްޔާ، އަނިލް އަދި ރާޖްކުމާރުގެ އިތުރުން ދިވްޔާ ދައްތާވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

މިއީ 2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އޭ ދިލް ހޭ މުޝްކިލް" އަށްފަހު އައިޝްވާރްޔާ ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ހަމައެއާއެކު، "ފަންނޭ ޚާން" ވެގެން ދާނީ 1999 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ތާލް" އަށްފަހު، އައިޝްވާރްޔާ އަދި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ބުޝަން ކުމާރުގެ ޓީ-ސީރީޒް އަދި އޯމް ޕްރަކާޝް މެހެރާ ޕިކްޗާޒް އިން ގެނެސްދޭ "ފަންނޭ ޚާން" ގެ ޝޫޓިން ފަށައިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.