ރާއްޖޭގައި އިންސާފުވެރި ދެފުށް ފެންނަ މިނިވަން އިންތިހާބެއް ބާއްވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ދީފިއެވެ.

ރާއްޖޭގައި އިންސާފުވެރި، ދެފުށް ފެންނަ މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައި، ޔޫރަޕިއަން ޔޫނިއަންއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އިޔޫއިން ގޮވާލި ގޮވާލުންތަކަށް ރާއްޖެއިންވެސް އިސްކަންދޭ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަރުދަނާ ޑިމޮކްރަޓިކް ނިޒާމެއްގައި އިދިކޮޅު ފަރާތްތަކުގެ ވެސް ހިއްސާ އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކުންވެސް އަމަލުތައްވެސް ގާނޫނާ ގަވައިދުގެ ތެރެއަށް ފެތެން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ގާނޫނު އަސާސީގެ ބާރުު ކަނޑުވާލައި ރައްޔިތުންނަށް އޮޅުވާލައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުން ހައްލާލުމަށް ދައްކާ ވާހަކަތައް ބަަލައެއްނުގެނެވޭނެ. އެއީ ޒިންމާދާރުކަމެއްގެ ގޮތުގައި ބަލަައެއް ނުގަނެވޭނެ. އެކަމަކަށް ރާއްޖޭގައި ޖާގައެއްވެސް ނުދެވޭނެ." ފޮރިން މިނިސްޓްރީގެ ބާޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެފަދަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި ގާނޫނާއި އިންސާފު ނެގެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ލިބިފަައިވާ އެކިއެކި މިނިވަންކަމަށް އަރައިގަތުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

އަދި އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމުގެ ގޮތުން އިޔޫ ފަދަ ގައުމުތަކުންވެސް ރާއްޖޭގައި ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރަމުންދާ އިދިކޮޅު ފަރާތްތަކަށް ގާނޫނަށް ހުުރުމަތްތެރިކޮށް ހިތުމަށް ގޮވާލުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މީގެ ކުރިންވެސް ރާއްޖޭގައި ބާއްވައިފައިވަނީ މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ކަމަށާއި އެ އިންތިހާބުތައް މޮނިޓާކުރި ބޭރުގެ އޮބްޒާވަރުންވެސް އެކަމަށް ހެކިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެކަމަށާއި އެހެންކަމުން އަންނަ އިންތިހާބު މިނިވަން އިންސާފުވެރި ވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.