އުތުުރުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކުރުމަށްފަހު، އެ ސަމިޓު އަނެއްކާވެސް އޮންނާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް އިއުލާންކުރައްވާފައި ވާގޮތުން އެ ބައްދަލުވުން އޮންނާނީ ކުރިންވެސް ކަނޑައެޅި ތާރީޚުގައެވެ.

އުތުރު ކޮރެއާއާގެ މަންދޫބު އަދި އެގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ، ޖެނެރަލް ކިމް ޔޮންގް ޗޮލް އެެމެރިކާ ވައިޓްހައުސްގައި ބޭއްވި ވާހަކަތަކަށް ފަހު ޓްރަމްޕް ވިދާޅުވީ އުތުުރު ކޮރެއާގެެ ލީޑަރުު ކިމް ޖޮންގް އުންއާ އަންނަ މަހު 12 ވަަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުކުރައްވާނެ ކަމަށެވެ.

ވައިޓްހައުސްގައި އިއްޔެ އޮތް ބައްދަލުވުމުގައި، އުތުރު ކޮރެއާގެ މަންދޫބު ވަނީ އެ ބައްދަލުވުމުގައި އެގައުމުގެ ލީޑަރުގެ ސިޓީއެއްވެސް ޓްރަމްޕްއަށް އަރުވައިފައެވެ. ޓްރަމްޕް ވިދާޅުވީ އެ ސީޓީގައި ރަނގަޅު ވާހަކަތަކެއް ހުރި ކަމަށާއި އަދި އެ ސިޓީ ފަހަރެއްގައި އާންމުންނާ ފަހުން ހިއްސާކުރައްވާފާނެ ކަމަށެވެ. އުތުރު ކޮރެއާއިން ނިއުކުލިއާ ހަތިޔާރު ނައްތާލުން ތައްޔާރަށް ހުރި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން އެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ މި ދަނޑިވަޅު ދެގައުމުގެ ދަމެދުގައި ވަރަށް ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށާއި އެހެން ކަމުން މިއީ ބައްދަލުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ސަމިޓް ކެންސަލްކުރުމުގެ ކުރިން ކޮރެއާއިން ވަނީ ނޫސްވެރިންގެ ކުރިމަތީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ސައިޓުވެސް ނައްތާލައިފައެވެ.

އުތުރު ކޮރެއާގެ ނިއުކުލިއާ ޓެސްޓް ސައިޓް "ޕުންގްޔެ ރީ" ނައްތާލީ އެތަން ގޮއްވާލައިގެންނެވެ. އެތަން ގޮއްވަމުން ދިޔައިރު އެމެރިކާ، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާގެ ނޫސްވެރިން ތިއްބެވެ.