އާއްމު އިންތިހާބްތަކަށް މީހުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް 2011 ޅ. އަތޮޅުގައި ބޭއްވުމަށް އެކޮމިޝަންގެ ޓީމެއް އެ އަތޮޅަށް މިއަދު ފުރައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ކުރިއަށްދާނީ ޅ. އަތޮޅުގެ ހަތަރު ރަށެއްގައި ހަތް ދުވަހަށް ބަހާލައިގެން ކަމަށާއި މިޕްރޮގްރާމް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިޕްރޮގްރާމްގައި ޑިމޮކްރަސީއާ ބެހޭ މައުލޫމާތާއި ވޯޓުލާ މީހުންގެ ހައްގުތަކާއި ޒިންމާތަކާއި ވޯޓްލާ ދުވަހު ކުރުން މަނާ ކަންތައްތަކާއި އިންތިހާބެއްގެ ތެރޭގައި ކުށުގެ ގޮތުގައި ބެލެވޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

"ދެހާސްބާރައިގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގަ އާއި މާލޭގަ މިޕްރޮގްރާމް ކުރިއަށް ގެންދާނަން،" އިލެކްޝަނުން ބުންޏެވެ.

ޅ.އަތޮޅުގައި ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ގްރޭޑް 10ގެ ދަރިވަރުންގެ އިތުރުން މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި އަދި އެންޖީއޯތަކުގެ އިތުރުން އެއަތޮޅުގެ ރަށްރަށުގައި ތިބި ސިޔާސީ ޕާޓީތަކުން ބައިވެރިވާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިޕްރޮގްރާމް ރާއްޖޭގެ އަށް އަތޮޅެއްގައި ހިންގާފަ އެވެ.