14:30


ދެކުނު ކޮރެޔާގެ މަނަވަރެއް ފައްތާލިކަމުގެ ތުހުމަތުގައި އުތުރު ކޮރެޔާއަށް ފިއްތުންތައް ކުރިމަތިނުކުރުވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.


ޗައިނާއިން މިހެން ބުނެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ދިން ޓޯޕިޑޯ ހަމަލައެއްގައި ދެކުނު ކޮރެޔާގެ މަނަވަރެއް ފައްތާލައި އޭގައި ތިބި 46 ފަޅުވެރިން މަރާލި މައްސަލައިގައި އުތުރު ކޮރެޔާއާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދެކުނު ކޮރެޔާ އާއި ޖަޕާނުން ޗައިނާ އަށް ގޮވާލާފައި ވަނިކޮށެވެ.


ނަމަވެސް ޗައިނާގެ ބޮޑުވަޒީރު ވެން ޖިއަބޮއާއޯ ވިދާޅުވެފައިވަނީ މިވަގުތަކީ ވަކި ގައުމެއްގެ ބޮލުގައި މިހާދިސާގެ ތުހުމަތު އަޅުވައި އެގައުމަކަށް ފިއްތުންތައް ކުރިމަތިކުރުވަންވީ ވަގުތު ނޫން ކަމަށެވެ. އަދި މިއީ އެސަރަހައްދުގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް އެސަރަހައްދުގައި ހަނގުރާމައެއް ފެށިޔަނުދިނުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ލީ މުޔަންގް ބަކް ވިދާޅުވީ އުތުރު ކޮރެޔާއާ މެދު އ.ދގެ ސެކިއުރިޓީ ކައުންސިލް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ޗައިނާއިން އެގައުމަށް އެއްބާރުލުން ދިނުމަށް އަދިވެސް ބާރު އަޅުއްވާނެ ކަމަށެވެ.


ޗައިނާ އަކީ ދެކޮރެޔާ އާ މެދު ވެސް ރަނގަޅު ގުޅުމެއް ދަމަހައްޓަމުން އަންނަ ގައުމެކެވެ. އެހެންކަމުން ދެކޮރެޔާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވެފައިވަނީ ޗައިނާ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށެވެ.