02 Jun 2018, 02:23
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. އޭނާއާއެކު ވަގަށް ނެގި ބައެއް ފައިސާ ވެސް ވަނީ ފުލުހުން ވަނީ ހޯދައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އަހްމަދިއްޔާ ސްކޫލު ފަޅާލި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ވަނަ ދުވަހު ކަމަށެވެ. އެ ހާދިސާގައި އެ ސްކޫލުން 14000 އެމެރިކާ ޑޮލަރު ވަގަށް ނެގި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އަހްމަދިއްޔާ ސްކޫލުން ވައްކަން ކޮށްފައިވަނީ އެ ސްކޫލުގެ ޓީޗަރުން ބޭނުންކުރާ ލޮކަރުތަކެއް ފަޅާލައިގެންނެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.
އަދި ވަގަށް ނެގި ފައިސާގެ ތެރެއިން 9000 އެމެރިކާ ޑޮލަރު މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.