01 Jun 2018, 16:37
ޑްރަގް ޓެސްޓެއް ޕޮސިޓިވްވުމުގެ ސަބަބުން 14 މަސްދުވަހުގެ ސަސްޕެންޝަނެއްގައި ހުރި ޕެރޫގެ ކެޕްޓަން ޕައުލޯ ގަރޭރޯގެ ސަސްޕެންޝަންގެ ހުކުމް ސްވިސް ޓްރިބިއުނަލްއިން ބާތިލްކޮށްފިއެވެ.
ޕެރޫގެ ކެޕްޓަން ގަރޭރޯ ފުޓުބޯޅައިން 14 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ހުކުމް ކުރީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގައި އޭނާ ކޮކޭންއަށް ޕޮސިޓިވި މައްސަލައިގައެވެ. ގަރޭރޯ ކޮކޭންއަށް ޕޮސިޓިވްވެފައި ވަނީ އެގައުމުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނެގި ސާމްޕަލަކުން ހެދި ޓެސްޓްތަކުންނެވެ.
ޓެސްޓްގެ ނަތީޖާ ޕޮސިޓިވްކޮށް ދެއްކީ "ތަގައްޔަރުވެފައި ހުރި ސައި" ބުއިމުން ކަމަށް ގަރޭރޯ ބުނެފައި ވާއިރު، ފީފާއިން ފުރަތަމަ އޭނާ ސަސްޕެންޑް ކުރީ 12 މަހަށެވެ. އޭގެ ފަހުން ގަރޭރޯގެ ސަސްޕެންޝަން ފީފާއިން ހަ މަހަށް ކުޑަކޮށްދިން އިރު، ހަ މަހުގެ ސަސްޕެންޝަން ނިމުނުތާ ދެ ހަފްތާ ފަހުން ގަރޭރޯއަށް އިތުރު 14 މަހުގެ ސަސްޕެންޝަނެއް އައީ ވޯލްޑް އެންޓި ޑޯޕިން އޭޖެންސީން އޭނާގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅުމުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ނިއުޒީލެންޑް ބަލިކޮށް، ޕެރޫއަށް މިފަަރުގެ ވޯލްޑް ކަޕުން ޖާގަ ލިބުނީ 1982 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.
އެތައް ދުވަސްތަކެއް ފަހުން ޕެރޫއަށް ވޯލްޑް ކަޕަކުން ފުރުސަތު ލިބުނު އިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ގަރޭރޯއަށް ވޯލްޑް ކަޕް ނުކުޅެވޭ ގޮތަށް އައި ސަސްޕެންޝަނާ ގުޅިގެން ގައުމީ ޓީމުން އެ މަައްސަލައިގައި ހައްލެއް ހޯދުމަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ. އަދި ވޯލްޑް ކަޕްގައި ޕެރޫ ހިމެނުނު ގްރޫޕް ސީގެ ފްރާންސްއާއި އޮސްޓްރޭލިއާ އަދި ޑެންމާކްގެ ފަރާތުން ގަރޭރޯގެ ސަސްޕެންޝަން އުވާލައި ދިނުމަށް ފީފާގައި އެދިފައިވެއެވެ.
ސްވިސް ޓްރައިބިއުނަލްއިން އިއްޔެ ނެރުނު ހުމުގައި ބުނެފައި ވަނީ ގަރޭރޯގެ ސަސްޕެންޝަންގެ މުއްދަތު ފުރިހަމަ ކުރިފަހުން އޭނާއަށް އިތުރު 14 މަސް ދުވަހުގެ ސަސްޕެންޝަނެއް އައުމަކީ އިންސާފެއް ނޫން ކަމަށާއި، އެކަމަކީ ސީދާ ގަރޭރޯއަށް ވޯލްޑް ކަޕަށް ދިޔަ ނުދިނުމަށް ކޮށްފައިވާ ސަސްޕެންޝަނެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ.
ޕެރޫއިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑެންމާކާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.