ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ގއ. ކޫއްޑޫ މަސް ބޯޓެއްގެ ފައިސާއާ ހަވާލުވެ ހުރި މުވައްޒަފަކު ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނީ ކޫއްޑޫގެ ކަލެކްޓާ ވެސެލް ރަންދި 24 ނަމްބަރު ބޯޓުގެ ތިޖޫރީ ޗެކްކުރި އިރު އެ ތިޖޫރީން 32،500ރ. މަދުވާ ކަމަށް ބުނެ، 2010 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލި އިރު ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ސްކިޕާ ކްލާސް4ގެ މަގާމުގައި ހުރި ގއ. ވިލިނގިލި އެނައިސް އަބުދުލް އަޒީޒް ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަން އެނގޭ ކަމަށެވެ.

އޭސީސީން ބުނީ ރަންދި 24 ބޯޓުގެ ތިޖޫރީގައި ހުރި ފައިސާ 2010 އޮކްޓޯބަރު 22ގައި ގުނިއިރު މަސްގަންނަ ފައިސާ އިން ތިޖޫރީގައި ބާކީ ހުންނަން ޖެހޭ ފައިސާގެ ތެރެއިން 32،551ރ. މަދުވާ ކަމަށެވެ. އަދި މަދުވާ ފައިސާގެ ތެރެއިން 32،000ރ. އަބުދުލްއަޒީޒްގެ އަމިއްލަ ބޭނުމަކު ނަގާފައިވާ ކަމަށާއި އަދި 551ރ. އަކީ މަސްވެރިންނަށް ފައިސާ ދޫކުރުމުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ މައްސަލަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީޖީ އަށް ފޮނުވަފައިވާ ކަމަށެވެ.