ބޭންކޮކް (ޖޫން 1): ދުނިޔޭގެ އެންމެ ނުބައިވަސް ދުވާ މޭވާގެ ގޮތުގައި މަޝްހޫރުވެފައިވާ ޑޫރިއާން ޖައްވަށް ފޮނުވަން ނިންމާފައިވާ ކަމަށް ތައިލެންޑުގެ ސްޕޭސް ރިސާޗް އޭޖެންސީން ބުނެފިއެވެ.

އެ އޭޖެންސީން ބުނި ގޮތުގައި ފިހުމަށް ފަހު ޕެކްކޮށްފައިވާ ޑޫރިއާން ޖައްވަށް ފޮނުވަނީ މުސްތަގުބަލުގައި ދުނިޔެއިން ބޭރަށް ކުރާ ދަތުރުތަކުގައި ގެންދެވޭ ގޮތަށް ތައިލެންޑުގެ ކާނާ އުފެއްދުމުގެ ގޮތުންނެވެ.

އެގޮތުން ރޮކެޓަކުން ލޯންޗުކުރާ އެ މޭވާ ޖައްވުގައި ފަސް މިނިޓު ވަންދެން އޮންނާނެ ކަމަށާއި، އޭގެ ފަހުން ދުނިޔެއަށް ގެނެސް، މޭވާއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބަލާނެ އެވެ. ތައިލެންޑުގެ މީޑިއާގައި ރިޕޯޓުކޮށްފައި ވާ ގޮތުން ޑޫރިއާން ލޯންޗުކުރުމަށް ބޭނުންކުރާނީ އެމެރިކާގެ ރޮކެޓެކެވެ.

ތައިލެންޑުން ވަނީ ޑޫރިއާން ޖައްވަށް ފޮނުވަން ނިންމާފައި -- ފޮޓޯ: ތައި ސްޕޭސް ރިސާޗް އޭޖެންސީ

"އަޅުގަނޑުމެންގެ އަމާޒަކީ އެސްޓްރޮނޯޓުންނަށް ކެވޭ ފަދަ ތައިލެންޑުގެ ކާނާ ޖައްވަށް ގެންދިޔުން. ފުރަތަމަ މި ނެގީ ތައިލެންޑުގެ މޭވާގެ ރަސްގެފާނު، ޑޫރިއާން. އަޅުގަނޑުމެން ބޭނުން ވަނީ ޖައްވުގައި އެސްޓްރޮނޯޓުން ދިރިއުޅޭ ލެވެލްއަށް (ޑޫރިއާން) ގެންދިޔުމަށް ފަހު އެއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުން،" ތައިލެންޑުގެ ޖިއޯ-އިންފޯމެޓިކްސް އެންޑް ސްޕޭސް ޓެކްނޮލޮޖީ ޑެވެލޮޕްމެންޓް އޭޖެންސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓު ކާމިޔާބުވެއްޖެ ނަމަ ޕަޑް ތައިއާއި މެންގޯ ސްޓިކީ ރައިސް ފަދަ ތައިލޭންޑުގެ އެހެން މަޝްހޫރު ކާނާތައް ޖައްވަށް ފޮނުވާނެއެވެ.

ޑޫރިއާންގައި ދުވާ ވަސް ނުބައިކަމުން އެއީ ގިނަ މީހުން އެއްވެ އުޅޭ ބައެއް ތަންތަނުގައި ގެންގުޅުން މަނާ އެއްޗެކެވެ.

ޑޫރިއާންއަކީ ތައިލެންޑުގެ އިތުރުން އިރު ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އާންމު، އަދި ގިނަ ބަޔަކަށް މަގުބޫލު މޭވާއެކެވެ. އަދި ސްރީލަންކާގައިވެސް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ.

(ބީބީސީ)