01 Jun 2018, 14:30
އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)އިން ބާއްވާ "އަމްސާ ކަޕް"، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
މިދިޔަ ހަތް އަހަރު މެދުކެނޑުމެއް ނެތި މުޅި ރާއްޖެއަށް ހުޅުވާލައިގެން މަތިވެރީގައި ބާއްވަމުން އަންނަ އަމްސާ ފުޓްސަލް ކަޕަކީ ކޮންމެ އަހަރަކުވެސް ފިތުރު އީދާ ދިމާކޮށް އެރަށު ބާއްވަމުން އަންނަ މުބާރާތެކެވެ. މަތިވެރީ ޓާފް ދަނޑުގައި ކުރިއަށް ދާ މުބާރާތް، ފިތުރު އީދުގެ ތިން ދުވަހަށް ދެމިގެން ދާ އިރު، މުބާރާތް އީދު ޗުއްޓީއާ ދިމާކޮށް ބާއްވަމުން ދަނީ އީދަށް ޗުއްޓީ ހޭދަކޮށްލަން އެރަށަށް ދާ ފަރާތަކަށްވެސް ބައިވެރިވެވޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާދީއްތަ ދުވަހަކާ ހަމައަށް ހުޅުވާލެވިފައި ވާ އިރު، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަމްސާގެފޭސްބުކް ޕޭޖުންވެސް ފޯމު ލިބޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރުގެ އަމްސާ ކަޕްގައި 16 ޓީމަކުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި މަތިވެރީގެ ގިނަ ޓީމުތަކެއް ހިމެނޭ އިރު، ރާއްޖޭގެ އެހެން ހިސާބުތައް ކަމަށްވާ އދ. މަހިބަދޫގެ އިތުރުން ކ. ހުރާ އަދި އދ. ހަންޏާމީދޫގެ ޓީމުތައް ހިމެނެއެވެ.
އަމްސާ ކަޕަކީ މަތިވެރީގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ އިރު، މުބާރާތުގެ ޗެމްޕިއަންޓީމަށް މިފަހަރުވެސް 13،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.