ޝިމްލާ (ޖޫން 1): އިންޑިއާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ޝިމްލާ ސިޓީގައި ފެން ލިބުން ދަތިވުމުގެ ސަބަބުން މިދުވަސްކޮޅު އެސިޓީއަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް އެ ސިޓީގެ ރައްޔިތުންނާއި ހޮޓެލްތަކުން އެދެން ފަށައިފިއެވެ.

ޝިމްލާއަކީ އިންޑިއާގެ އުތުރުގެ ހިމާޗަލް ޕްރަދޭޝްގެ ވެރިކަންކުރާ ސިޓީއެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ޝިމްލާގައި ބޯ ފެން ލިބުން ދަތިވުމުގެ ސަބަބުން އެ ސިޓީގެ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ސަރުކާރުން ފޯރުކޮށްދޭ ޓޭންކުތަކުން ފެން އެޅުމަށް ކިޔޫގައި މަޑުކުރަން ޖެހިފައެވެ. އެގައުމުގެ ނޫސްތަކުގައި ވާގޮތުން ޝިމްލާއަށް ސަޕްލައި ފެން ލިބުން ދަތިވިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

އޭގެ ސަބަބުން ޝިމްލާގައި ދިރިއުޅޭ ބައެއް މީހުން ވަނީ ފަތުރުވެރިން މިދުވަސްކޮޅު އެސިޓީއަށް ނުދިޔުމަށް ގޮވާލާ ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށާފައެވެ.

"ޖޫން މަހު ގިނަ އަދަދެއްގެ ފަތުރުވެރިން އައުމުން މައްސަލަ އިތުރަށް ގޯސްވާނީ އަދި އަޅުގަނޑުމެން އާންމުންނަށްވެސް ވަރަށް އުނދަގޫވާނެ،" ގިނަ އަދަދެއްގެ މީހުން ފޭސްބުކް އާއި ޓުވިޓާގައި ޝެއާކޮށްފައިވާޕޯސްޓެއްގައި ވެއެވެ.

އަދި ޝިމްލާގެ ބައެއް ހޮޓެލްތަކުން ފަތުރުވެރިންގެ ބުކިންގްސް ކެންސަލްކޮށްފައި ވާއިރު ބައެއް ހޮޓެލްތައް ވަނީ ފެން ނުލިބުމުގެ ސަބަބުން ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

"ބުކިންގްސް ހެއްދެން ނެތުމުން އަޅުގަނޑުމެންނަށް ވަނީ (ހޮޓެލް) ބަންދުކުރަން ޖެހިފައި،" ޝިމްލާގެ ހޮޓަލެއްގެ ވެރިޔާ، ގޯޕާލް އަގަރްވާލް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެހޮޓެލުން ވަނީ 100 ފަތުރުވެރިންނަށް ރީފަންޑުވެސް ދީފައެވެ.

ޝިމްލާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފެން ލިބުން ދަތިވި ސަބަބުތަކުގެ ތެރޭގައި މިއަހަރު ސްނޯ ފޭބި މިންވަރު ރިކޯޑު އަދަދަކަށް މަދުވުމާއި، އެސަރަހައްދުގައި އޮންނަ ކޯރެއް ތަޣައްޔަރުވުމާއި، ފެން ސަޕްލައި ކުރުމުގައި ހުރި މައްސަލަތައް ހިމެނެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ޝިމްލާއަށްދާ ފަތުރުވެރިންގެ އަދަދު 100،000 އަށް އަރައެވެ. އޭގެ ސަބަބުން އެމޫސުމުގައި ފެން ބޭނުންވާ މިންވަރު 25 ޕަސެންޓާއި 30 ޕަސެންޓަށް އިތުރުވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.