ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހަކީ ހައްގަށް ނަސްރުދިން މީހުންނާއި ބާތިލުގެ އަހުލުވެރިންނާ ދެމެދު ކުރިމަތިލެވުނު ފުރަތަމަ ދުވަހެވެ. އެ ކުރިމަތިލުން ހިނގަމުން ދިޔަ އިރުވެސް އުފާވެރި އެތަކެއް ހަބަރުތައް ﷲ ސުބުހާނަހޫ ވަތައާލާ މުއުމިނުންނަށް ދެއްވަމުން ގެންދެވިއެވެ. އެ ދުވަހަކީ މުސްލިމުންނަށް ނަސްރު ލިބިގެންދިޔަ ދުވަހެކެވެ. މުސްލިމުންގެ ޖީލުތަކަށް އިބުރަތްތެރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާވެފައި އޮތީ ރަމަޟާން މަހު މުސްލިމުންނަށް ލިބުނު ނަސްރުގެ ހާދިސާތަކާއި، އެ ހާދިސާތަކުން ލިބޭ އިބުރަތްތަކާއި ފިލާވަޅުތަކުގެ މައްޗަށެވެ.

މުސްލިމުން ހަނގުރާމައަށް ތައްޔާރު ކުރެއްވުމަށް ކީރިތި ރަސޫލާ އަސްހާބުންގެ ސަފުތައް ތަރުތީބުކުރެއްވިއިރު ސަވާދު ބުނު އުޒައްޔާ ސަފުން ބޭރަށް ކުޑަކޮށް ޖެހިވަޑައިގެން ހުންނަވަނިކޮށް ފެނިވަޑައިގެން މާތް ރަސޫލާގެ އަތްޕުޅުގައި އޮތް ބޮންތިކޮޅަކުން އެކަލޭގެފާނުގެ ބަނޑުފުޅުގައި ޖައްސަވައި ސަފު އެއްވަރުކޮށްލެއްވިއެވެ. އެވަގުތު ސަވާދުއަށް އަނިޔާވިކަމަށް ދަންނަވައި ގިސާސް ހިފަން ބޭނުންވާކަމަށް ދެންނެވުމުން ރަސޫލާގެ ބަނޑުފުޅު ކަޝްފުކުރައްވައި ޤިސާސް ހިއްޕެވުމަށް ރަސޫލާ ދެންނެވިއެވެ. އެހިދު ސަވާދު ރަސޫލާގެ ބަނޑުފުޅުގައި ބޮސްދެއްވިއެވެ.

ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލ؛ިބޭ އެއް ފިލާވަޅަކީ، ހަމަހަމަކަމާއި އަދުލުވެރިކަމުގެ ފިލާވަޅެވެ. އެހެން ބޭކަލުންނަށް އެކަން ތަންފީޒުކުރެއްވުމުގެ ކުރިން އެކަލޭގެފާނު އަމިއްލަފުޅު ނަފްސަށް އެކަން ތަންފީޒުކުރައްވާކަމެވެ.

ކީރިތި ރަސޫލާއަކީ އަމިއްލަފުޅު ވިސްނުމާއި ފިކުރަށް ކަންކަން ނިންމެވުމުގެ ބަދަލުގައި މަޝްވަރާގެ މަތިން ކަންކަން ނިންމަވާ ބޭފުޅެކެވެ. އެގޮތުން ބަދުރު ހަނގުރާމަ ފެށުމުގެ ކުރިން ކަންތައް ގެންދަވާނެ ގޮތަކާމެދު ރަސޫލާ މަޝްވަރާ އެއްސެވިއެވެ. އަދި އަސްހާބު ބޭކަލުންނަށް ވާހަކަ ދައްކާ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދެއްވިއެވެ. އެހިނދު އަބޫބަކުރުގެފާނާއި އުމަރުގެފާނާއި މިގުދާދު ބުނުލް އަސްވަދު ރަސޫލާއަށް ދެންނެވީ ﷲ އަމުރުފުޅު ކުރައްވާ ގޮތަކަށް ރަސޫލާއާއެކު ކުރިއަށްދާން އެބޭކަލުން ތައްޔާރަށް ތިބިކަމެވެ.

އެ ހާދިސާއިން މުސްލިމުންނަށް ލިބިގެންދާ ފިލާވަޅަކީ މަޝްވަރާގެ ފިލާވަޅެވެ. މަގާމުގެ ގޮތުންނާއި ހައިބަތުގެ ގޮތުން ކިތަންމެ އިސް ނަމަވެސް މަޝްވަރާކުރެއްވުމުގެ މުހިންމުކަމުގެ ފިލާވަޅެވެ. މާތްﷲ ގެ ބަސް ވަހީކުރައްވާ ރަސޫލެއްގެ ގޮތުގައި ހުންނަވައި ރަސޫލާ އަސްހާބު ބޭކަލުންނާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި އިސްލާމީ އުންމަތަށް އެ އުގަންނައިދިނީ މުހިންމު ފިލާވަލެކެވެ.

ރަމަޟާންމަހުގެ 17 ވަނަ ދުވަހު 400 އެއްހާ މުސްލިމުން ބަދުރުގެ މައިދާނަށް ދިޔައީ މުޝްރިކުންގެ 1،000 އަށް ވުރެ ގިނަ މީހުންނާ ކުރިމަތިލުމަށެވެ. މުސްލިމު ލަޝްކަރުގެ ބޭކަލުން ތިއްބެވީ އިސްލާމީ އަގީދާގެ މަތީގައި ވަރުގަދަ އީމާނެއްގައި ހިއްޕަވައިގެންނެވެ. އެބޭކަލުންގެ ހިތުގައި ބިންވަޅު ނެގިފައިވާ އަގީދާގެ ވަރުގަދަކަމުން ހިތްވަރާ އަޒުމް އެ ބޭކަލުންނަށް ލިބިގެންދިޔައެވެ. ނަތީޖާއަކަށްވީ ކުޑަ ލަޝްކަރަކުން ބޮޑު ލަޝްކަރެއް ﷲގެ ވާގިފުޅާއެކު ބަލިކޮށް ކާމިޔާބު ލިބިގެންދިއުމެވެ.

އެކަމުންވެސް އަހަރެމެންނަށް އެނގިގެން ދާ ފިލާވަޅަކީ، އިސްލާމީ އަގީދާ ހިތުގައި ބިންވަޅު ނެގިއްޖެނަމަ އެމީހެއްގެ ކުރިމަތީގައި ކަންތައްތައް ފަސޭހަވެގެންނާނެކަމެވެ. އެމީހެއްގެ ހިތުގައި އީމާންކަން ލިޔުންވާފައިވާ މީހަކަށް ﷲ ހަޟްރަތުން ލިބިފައިވާ ރޫހަކުން އެބައި މީހުންނަށް ގަދަކަން ދެއްވާނެ ކަމަށް ކީރިތި ގުރުއާނުގައިވެސް ﷲ ވަހީކުތައްވާފައިވެއެވެ. އެކަމުގެ ހެކި މުޅި އިސްލާމީ އުންމަތައް ބަދުރުހަނގުރާމައިން ވަނީ ދައްކުވައިދީފައެވެ.

ބަދުރު ހަނގުރާމައަށްފަހުގައި ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުގައި މައްކާ ފަތަހަކުރެއްވި ހާދިސާއިންވެސް ރަސޫލާ ވަނީ އިސްލާމީ އުންމަތައް އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދެއްވާފައެވެ.

މައްކާ ފަތަހަ ކުރެއްވުމަށްފަހުގައި މައްކާގެ އަހުލުވެރިން ޖަމާކުރައްވައި ރަސޫލވަނީ އެބައިމީހުން މިނިވަން ކުރައްވާފައެވެ. ބާރު ލިބިގެންވާ ހާލުގައިވެސް އެބައިމީހުންނަށް ރަސޫލާ މައާފު ދެއްވައި އިސްލާމީ އުންމަތަށް ދައްކުވައިދިނީ ހިތްތިރިކަމާއި މައާފްދެއްވުމުގެ ރިވެތި މިސާލެވެ.

މިއަދުގެ ހުކުރު ޚުތުބާގައި މި ފިލާވަޅުތަކުގެ ހަނދާންތައް އާކޮށްދިން އިރު، މިކަންކަމާ މެދު ވިސްނައި އިބްރަތާއި ނަސޭހަތް ލިބިގަނެ އަހަރެމެން މުސްލިމުންގެ ހަޔާތް ބާއްޖަވެރިކުރަމާތޯއެވެ.