01 Jun 2018, 00:08
އެމްޑީޕީގެ ކޮންގްރެސް މިމަހުގެ 29 އަދި 30 ވަނަ ދުވަހު ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި މިމަހުގެ 29 އަދި 30 ގައި ކޮންގްރެސް ބާއްވަން ހުރިހާ މެމްބަރުން ވަނީ ތާއީދު ކޮށްފަ އެވެ.
އަދި ކޮންގްރެސް އޮންނާނެ ކަން އިއުލާނުކޮށް އެޕާޓީން ވަނީ އާންމު މެމްބަރުންނަށް އެކަން އަންގާފަ އެވެ. ނަމަވެސް ކޮންގްރެސް ބާއްވާނެ ތަނެއް އަދި ސާފެއް ނުވެ އެވެ.
އެ ޕާޓީގެ ކޮންގްރެސްއަށް 'އާދަޔާ ހިލާފު' ގެ ނަމުން ވަނީ ނަމެއްވެސް ދީފަ އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންގްރެސްއެއް ބާއްވާފައެއް ނުވެ އެވެ.
މިދިއަ އަހަރު ކޮންގްރެސް ބާއްވަން އިއުލާނު ކުރި ނަމަވެސް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޭން ޖެހޭ ބަޖެޓް ނުދޭ ކަމަށް ބުނެ ކޮންގްރެސް ވަނީ ފަސްކޮށްފަ އެވެ.
އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކޮންގްރެސްވެސް މިމަހު ބާއްވަން ވަނީ ނިންމާފަ އެވެ. އެ ޕާޓީގެ ކޮންގްރެސް އޮތީ މިމަހު 21 އަދި 22 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.