ހއ. މުރައިދޫ ރަށު ކައުންސިލްގެ ދޮރުގެ ތަޅުވަޅަށް ބަޔަކު އަލްޓިކޯ އެޅި މައްސަލައެއް ބަލަން ދިޔަ ފުލުހުންތަކެއް އެރަށު ކައުންސިލުން ނުކުތަ ނުދީ އެރަށު ބަޔަކު ހިފަހައްޓައިފި އެވެ.

ރަށު ކައުންސިލްގެ ރައީސް އަޝްރާހު އަބްދުﷲ މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކައުންސިލުން ފުލުހުން ނިކުތަ ނުދީ ހިފެހެއްޓީ، ފުލުހުންް ކުރިން ބަލާފައިވާ އެފަދަ އެތައް، މައްސަލަތަކެއް ބަޔާން ނެގުމަށް ފަހު ފަހުން އެކަމާ ބެހޭ އެއްވެސް ޙަބަރެއް ނުވާތީ ކަމަށެވެ.

"ރައްޔިތުން ތިބީ ކައުންސިލްގެ ދޮރުމަތީގައި ޖޯލިފަތި އަތުރައިގެން. ފުލުހުން ތިބީ ކައުންސިލް ތެރޭގައި. މީގެކުރިން ވެސް މިރަށު ބޮޑު ހަރުގެ އަންދާލި މައްސަލަ އާއި ރައްޔިތުންނަށް ކަރަންޓްދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް އަންދާލި މައްސަލައަކާއި ކައުންސިލަރެއްގެ ގޭގެ ވަޅަށް ކަޅު ތެޔޮ އެޅި މައްސަލައެއް ވެސް އެބައުޅޭ ވީނުވީއެއް ނޭނގި. އެހެންވެ ރައްޔިތުން ބޭނުން ވަނީ އެކަންތައް ގޮސް އޮތް ހިސާބެއް ބަލަން،" އަޝްރާރު ވިދާޅުވި އެވެ.

މުރައިދޫ ކައުންސިލް އޮފީސް މިއަދު ހެނދުނު ހުޅުވަން ބެލި އިރު ބަޔަކު ވަނީ ދޮރުގެ ތަޅު ވަޅަށް އަލްޓިކޯ އަޅާފަ އެވެ. އެކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވަން އައިއިރު ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ނުޖެހިގެން ބެލުމުންނެވެ. އަދި މިއަދު އެއްކޮށް ރަށު ކައުންސިލްގެ އޮފީސް ހުރީ ބަންދުކޮށްފަ އެވެ.