31 May 2018, 23:24
ޔޫރަޕްގެ ގައުމެއް ކަމަށްވާ ޑެންމާކުގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.
ޑެންމާކުން މުނު ބުރުގާ މަނާކުރިއިރު ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައިވެސް މޫނު ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ.
ޑެންމާކުގެ ޕާލަމަންޓްގައި މިއަދު އެ ބިލް ފާސްކުރީ 75 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 35 މެމްބަރަކު ވޯޓުދެއްވިއިރު 74 މެމްބަރުން ވޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ޑެންމާކުގެ ސަރުކާރުން ބުނީ އެ ބިލަކީ ވަކި ދީނަކަށް އަމާޒުކޮށް ފާސްކުރި ބިލެއް ނޫން ކަމަށާއި އަދި އެ ބިލުގެ ސަބަބުން މޫނު ފެންނަގޮތަށް ބުރުގާ އެޅުން މަނާ ނުވާނެ ކަމަށެވެ.
ފާސްކުރި ބިލު ފަރުމާކޮށްފައި ވަނީ މޫނު ބުރުގާ ނުވަތަ ނިގާބުގެ ނަން ނުގެނެސް، އާންމު ތަންތަނުގައި އުޅޭ އިރު އެއްވެސް ގޮތަކަށް މޫނު ނިވާ ނުކުރެވޭނެ ކަމަށް ބުނެއެވެ. މިއީ މުސްލިމުންނާ ދެކޮޅަށް ފާސްކުރި ބިލެއް ކަމަށް ގިނަ ފަރާތްތަކަކުން ބުނި ނަމަވެސް، މިކަމުގެ ސަބަބުން މުސްލިމު ނޫން މީހުންނަށްވެސް އުނދަގޫތަކާ ކުރިމަތިވާނެއެވެ.
ބިލް ފާސްކުރި ނަމަވެސް އެ ގާނޫނަށް އަމަލުކުރާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ. އެ ގާނޫނާ ހިލާފުވާ ފަރާތްތަކުން 1،000 ޑެނިޝް ކްރޯނާ (156 އެމެރިކާ ޑޮލަރު)ން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ނިންމައިފައެވެ. އަދި ތަކުރާރުކޮށް އެ ގާނޫނާ ހިލާފުވާ ފަރާތްތައް 10،000 ޑެނިޝް ކްރޯން (1،569 އެމެރިކާ ޑޮލަރު)ން ޖޫރިމަނާ ކުރުމުގެ ބާރު ވަނީ ދީފައެވެ.
ޑެންމާކްގައި ދިރިއުޅޭ މުސްލިމު އަންހެނުންގެ ތެރެއިން މޫނު ބުރުގާ އަޅަނީ ވަރަށް މަދު ބައެކެވެ.