31 May 2018, 22:40
އިއްޔެ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ހިނގައި ދިޔަ ކަންކަމާ ގުޅިގެން އިއްޔެ އާއި މިއަދު ޖުމްލަ 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން ޕްރައިމަރީ ނުބޭއްވުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ އެމްޑީޕީގެ މައްޗަށް އަމުރުކޮށްފައެވެ. އަދި އެ އަމުރާ ޚިލާފުވާނަމަ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އިއްޔެ ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުންނާއެކު ތުހުމަތުގަައި ޖުމްލަ 15 މީހުން ހައްޔަރުކޮށްފައިވާ ކަަމަށެެވެ.
ހައްޔަރުކޮށްފައިވަނީ އެކި ރަށްރަށުން ކަމަށާއި މާލޭން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމެރީ އަކީ ގާނޫނާ ޚިލާފު ޕްރައިމަރީއެއް ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ކޯޓުން އަމުރު ކުރި ނަމަވެސް އެމްޑީޕީން ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފަ އެވެ.