ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފު އާޓިކަލްތައް ހަބަރުގެ ގޮތުގައި ޝާއިއު ކުރަމުން ދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓްލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން ސައްހަ ނޫން އާޓިކަލްތައް އާންމު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރަށް ހީނަރުކަން އަންނަ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިގޮތަށް އަމަލުކުރާ ފަރާތްތަކަށް މިކުންފުނިން ފިޔަވަޅު އަޅާނެ ކަމުގައި ދެންނެވިން،" ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން އެ ކުންފުނީގެ ތަސައްވުރު ގެއްލޭގޮތަށް ހަގީގަތާ ހިލާފު ވާހަކަ ޝާއިއުކޮށް ނުފެތުރުމަށް ސްޓްލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ ކުންފުންޏާ ގުޅައިގެން ސައްހަ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.