01 Jun 2018, 00:12
ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32 ވަނަ ގައުމީ މުބާރާތާއި މުހައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ކުރި އިއުލާނެއްގައި ބުނީ މިއަހަރުވެސް އެ ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮމްޕިއުޓަރުން ލިޔެގެން، އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާ ގޮތަށް ކަމަށެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ މަޒުމޫނާއި ވާހަކަ ލިޔުމުގެ މުބާރާތްވެސް ކުރިއަށް ގެންދާނީ ހަތަރު ބަޔަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ސްކޫލުތަކުގެ ބަޔާއި، މަތީ ތައުލީމުގެ ބަޔާއި އޮފީސް ނުވަތަ އެކި ޖަމިއްޔާތަކުގެ ބައި އަދި އަމިއްލަ ފަރާތްތަކުގެ ބައި ހިމެނެއެވެ.
މަޒުމޫނު ލިޔުމަށް ބަހުގެ އެކެޑަމީން ވަނީ ވަކި ދާއިރާތަކެއް ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ބަހާއި އަދަބިއްޔާތާއި، މިނިވަންކަމާއި ގައުމިއްޔަތާއި ތާރީހާ ސަގާފަތާއި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތަައް އަދި އިގްތިސާދާއި ވިޔަފާރި ހިމެނެއެވެ.
ވާހަކަ ލިޔުމުގެ މުބާރާތުގެ ދަށުން ވާހަކަ ލިޔާނީ އެ ބައިވެރިއަކު އިހުތިޔާރުކުރާ ހާދިސާއެއްގެ މައްޗަށް ކަމަށާއި އަދި އެ ވާހަކައަށް ނަމެއް ދޭންވާނެކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.
ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ ފޯމާއި ހުށަހަޅާ ތަކެތި އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.