31 May 2018, 16:51
ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ޕީޖީން ދައުވާނުކޮށް އަނބުރާ ފޮނުވާލުމުން މައްސަލަ ފައިލްކޮށްފިއެވެ.
އިބޫގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މާޗު މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް އޭނާ އިސްވެ ހުންނަވައި އިތުރު ބަޔަކު ގޮވައިގެން ގްރީންޒޯން ސަރަހައްދަށް ވަދެ ސަރުކާރު ވެއްޓިއްޖެކަން މީހުންނަށް ދައްކައި، އާންމު ރައްޔިތުންނަށް އޮޅުވާލައިގެން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާކޮށް ފުލުހުންނާއި ސިފައިންގެ ކޮންޓްރޯލް ގެއްލުވާލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
އިބޫ ހައްޔަރުކުރީ އެރޭ 10:45 އެހައިކަންހާއިރު އެވެ. ނަމަވެސް ބަންދުގެ މުއްދަތު އެއްފަހަރު އިތުރުކުރުމަށްފަހު އިބޫ ވަނީ ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމާ ގުޅޭ ކުށް ހިމެނޭ މާއްދާ އެވެ.
ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާ އަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އިބޫގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި މައްސަލަ އަނބުރާ ފޮޮނުވާލުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.