މަތި އުތުރު ޕްރޮވިންސްގެ ގައުމީ އިދާރާގެ ހއ. އަތޮޅު ގޮފި، ހޯރަފުށީގައި ގާއިމުކޮށްފި އެވެ.

މަތި އުތުރު ޕްރޮވިންސްގެ ކޯޑިނޭޓަރު އަލީ ނަސީރު މިއަދު ވިދާޅުވީ ގައުމީ އިދާރާގެ ހއ. އަތޮޅުގެ ގޮފި ހޯރަފުށީގައި ގާއިމު ކުރިކަން ސަރުކާރުން ރަސްމީކޮށް އެންގީ މިދިޔަ މަހު 25 ގައި ކަމަށެވެ.

ކުރިން ހޯރަފުށީގެ ބޮޑު ކަތީބުކަން ވެސް ކުރައްވާފައިވާ ނަސީރު ވިދާޅުވީ ގައުމީ އިދާރާގެ އަތޮޅުގެ ގޮފި ހޯރަފުށީގައި ގާއިމު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ތަރައްގީގެ ހުރިހާ ވަސީލަތެއް ހުނަން ޖެހޭނީ ދިއްދޫގައި ނޫން ކަމަށެވެ.

ނަމަވެސް ދިއްދޫ ކައުންސިލް ރައީސް މުހައްމަދު ނައީމު މިއަދު ވިދާޅުވީ ސަރަހައްދީ ގައުމީ އިދާރާގެ އަތޮޅު ގޮފި، ހޯރަފުއްޓަށް ބަދަލު ކުރުމަކީ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު- 1977 ވަނަ އަހަރު- ދިއްދޫގައި އޮތް އަތޮޅުވެރިކަން ހޯރަފުއްޓަށް ބަދަލު ކުރުން ފަދަ ކަމެއް ކަމަށެވެ.

"ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބީ. ވަރަށް ގިނަ ޝަކުވާ ވެސް އަޅުގަނޑުމެންނާ ހަމައަށް އެބައާދޭ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިއްދުއަކީ އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށަކަށް ވެފައި ގައުމީ އިދާރާގެ އަތޮޅު ގޮފި ހޯރަފުށީގައި ގާއިމު ކުރުމުން އަތޮޅުގެ ރަށްރަށުން ވެސް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ އިދާރާގެ އަތޮޅު ގޮފި ހޯރަފުށީގައި ގާއިމުކުރުމުން އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫން ކަންކަމުގައި ވެސް ގައުމީ އިދާރާ އާއި އަދި މައި ސަރުކާރާ ކޯޑިނޭޓް ކުރާނީ އަތޮޅު ގޮފިން ކަމަށެވެ.

"އަތޮޅު ކައުންސިލްގެ އިދާރާ މި ހުންނަނީ މި ރަށުގައި. އަދި އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން ވެސް މި ތިބެނީ މި ރަށުގައި. މި ކަން ކިހިނެއްތޯ ދެކޮޅު ޖެހޭނީ." ނައީމުގެ ހިތް ނުތަނަވަސްކަން ފާޅުކުރި އެވެ.

ދިއްދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ގައުމީ އިދާރާގެ އަތޮޅު ގޮފި ހޯރަފުއްޓަށް ބަދަލުކުރުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ ހަތް ގޮނޑިއާއި އަތޮޅު ކައުންސިލްގެ ދެ ގޮނޑި އެމްޑީޕީ އަށް ހޯދައި ދިނުމުން ދިއްދޫ ރަށްޔިތުންގެ މޫނުގައި މި ސަރުކާރުން "ތަފާލެއް" ޖެހުން ފަދަ ކަމެއް ކަމަށެވެ.

ނާސިރުގެ ދުވަސްވަރު ހޯރަފުއްޓަށް ބަދަލު ކުރި، އަތޮޅުވެރިކަން އަނބުރާ ދިއްދު އަށް ބަދަލު ކުރީ، ރައީސް މައުމޫން 1980 ވަނަ އަހަރު ގަ އެވެ.