ފަރީދީމަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮގޯޅި ތެރެއިން ޕެޕާ ސްޕްރޭ ޖަހައިގެން މީހަކު އަތުން މިލިޔަނެއްހާ ރުފިޔާ ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެކަން ހިންގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައެވެ. ފައިސާ ފޭރިގެންފައި ވަނީ ޗާންދަނީމަގުގައި ހުންނަ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ އަތުންނެވެ. އޭނާ އަތުން މިލިއަނެއްހާ ރުފިޔާ ފޭރިގެނެފައި ވާކަން ވަނީ އެނގިފައެވެ.

އެމީހާއާ ހަވާލާދީ މީގެ ކުރިން ބައެއް މީޑިއާތަކުން ބުނެފައިވަނީ ފޭރިގެން ފައިސާތަކުގެ ތެރޭގައި ޑޮލަރާއި ގިނަ އަދަދެއްގެ ދިވެހި ރުފިޔާވެސް ހިމެނޭ ކަމަށެވެ. އަދި އޭނާ އަތުން ފޭރުނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހާގެ މޫނަށް ޕެޕާ ސްޕެރޭ ޖެހިކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރި 25 އަހަރު މީހަކި ހުކުމެއް ތަންފީޒު ކުރަނިކޮށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އޭނާ މިހާރު ފުލުހުން ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލާގައި ހިމެނޭ އިތުރު ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.