01 Jun 2018, 11:36
އޭޝިއާގައި ހަރަކާތްތެރިވާ އެެމެރިކާގެ ކަނޑުގެ ފައުޖު ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑަށް ބަދަލުކޮށްފިއެެވެ.
ހަވާއީގައި ހުންނަ ފެސިފިކް ކޮމާންޑްގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އެމެރިކާގެ ސެކްރެޓްރީ އޮފް ޑިފެންސް ޖޭމްސް މެޓިސް ވަނީ ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑަށް ބަދަލުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.
"އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގެ މުހިންމުކަން މިހާރު ވަނީ އެތަކެއް ގުނައެއް އިތުުރުވެފައި. އެކަން އަޅުގަނޑުމެން މިވަނީ ގަބޫލުކުރަން ޖެހިފައި." މެޓިސް ވިދާޅުވިއެވެ.
މެޓިސް ވިދާޅުވީ މީގެ ކުރިންވެސްް އެކި ހާލަތްތަކަށް ރިއާޔަތްކޮށް އެ ކޮމާންޑަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި އަދި މިހާރުވެސް އަމަލުކުރަމުން ދަނި އެ އުސޫލުން ކަމަށެވެ. އަދި އެމެރިކާގެ "ފޯކަސް" އެގައުމުގެ ހުޅަނގަށް މިހާރު އަމާޒުކޮށްފައިވާ ކަމަށް މެޓިސް ވިދާޅުވިއެވެ.
މެޓިސް ވިދާޅުވީ އެމެރިކާއިން މިއަހަރު އެކުލަވާލި ނެޝަނަލް ޑިފެންސް ސްޓްރެޓަޖީގައިވެސް ޕެސިފިކް ސަރަހައްދުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ބުނެފައިވާ ކަމަށާއި އަދި އިންޑިއާ ކަނޑު ހިމެނޭ އިންޑޯ ފެސިފިކް ސަރަހައްދަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ބުނެފައިވާ ކަމަށެވެ.
ފެސިފިކް ކޮމާންޑްގެ ނަން އެމެރިކާއިން ރީބްރޭންޑް މި ކުރި ދަނޑިވަޅު ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއާ ޗައިނާއާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި އެ މައްސަލައިގައި އެމެރިކާއިން ދަނީ ޗައިނާގެ ސަރަހައްދީ އެންމެ ބޮޑު ވާދަވެރިޔާ އިންޑިއާއާއެކު އަސްކަރީ ކަންތައްތައްތަކުގައި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެމެރިކާއާ އިންޑިއާއާ ދެ ގައުމުންވެސް ދަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑަށް އަތްގަދަކޮށްގެން އުޅޭ އުޅުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.