07 Sep 2011, 13:58
މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 111 މީހަކު މަރާލާފައިވާ ކަމަށް ހ. ޝަފީގުގޭ، އަހުމަދު ޝަފީގުގެ "އަހްމަދު ޝަފީޤުގެ ހަޔާތުން ދުވަހެއް"ގެ ފޮތުގައި ލިޔުއްވާފައި ވާތީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް ކޯޓަށް ހާޒިރުނުވެނީ ބަލިވެ އުޅޭތީ ކަމަށް ބުނާތީ އޭނާގެ ޑޮކްޓަރު ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން މިއަދު ނިންމައިފި އެވެ.
ޝަފީގުގެ މައްޗަށް މައުމޫން ކުރައްވާ ދައުވާގެ ޝަރީއަތް ހިންގަވާ ގާޒީ އަބްދުﷲ އަދީބު މިއަދު ވިދާޅުވީ ޝަފީގު ބަލިހާލަތާ ބެހޭ ގޮތުން ކޯޓުން ބަލަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން އޭނާ ބައްލަވާ ޑޮކްޓަރު ކޯޓަށް ހާޒިރު ކުރައްވާނެ ކަމަށެވެ. މިއަދުގެ ޝަރީއަތުގައި މައުމޫންގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް )ވައްޑޭ( ގާޒީގެ އަރިހުން އެދިލެއްވީ ޝަފީގު ރާއްޖެ އިން ބޭރަށް ފުރަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައި ވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމަށެވެ. ވައްޑޭ އެދިވަޑައިގެންނެވި ގޮތަށް ޝަފީގުގެ ޕާސްޕޯޓް ހިފަހައްޓައި ދެއްވާނެ ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ.
މައުމޫން ކުރައްވާ ދައުވާއަށް ޝަފީގު ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ކޯޓްގައި ޝެޑިއުލް ކުރި ހަ ފަހަރު ވެސް މައްސަލަ ނުބޭއްވި ކެންސަލްކޮށްފައިވެ އެވެ. ކޮންމެ ފަހަރަކު ވެސް ޝަފީގު ކޯޓަށް އަންގާފައި ވަނީ އޭނާ ބަލިހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށެވެ.
މައުމޫން ވަކީލް ވިދާޅުވީ ޝަފީގު ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ބުނެ ޑޮކްޓަރެއްގެ ލިޔުމެއް ހުށަހެޅުއްވުމަކީ ކޯޓްގެ އަމަލް ކުރަމުންދާ ގޮތް ނޫން ކަމަށާއި ބަލިބެގެން ކޯޓަށް ހާޒިރު ނުވެވޭ ނަމަ ވަކި ފޯމެއް ފުރިހަމަ ކުރުމަށް ފަހުގައި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"މިފަހަރު ފޮނުވާފައި އޮތީ ޑޮކްޓަރެއްގެ ސެޓްފިކެޓަކާ އެކު، ކޯޓްގެ ޕްރޮސީޖާއާ ކަންތައްތައް އޮންނަ ގޮތުން އެ މީހަކު ބަލިކަމުގަ ވަނީ ނަމަ އެ މީހަކު ހާޒިރު ނުވެވޭނެ ކަމަށް ބުނާ ވަކިން ފޯމެއް އޮންނާނެ. އެކަހަލަ އެއްވެސް ފޯމެއް ހުށަހަޅާފައެއް ނުވޭ. ނަމަވެސް ހަމައެކަނި ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅާފައި އޮތީ،" މައުމޫން ވަކީލް ވައްޑެ ވިދާޅުވި އެވެ.